ކޮންސްޓްރަކްޝަން ދާއިރާކީ ރައްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށާއި އެ ސިނާއަތް ކުރިއެރުވުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާއަކީ ދެވަނައަށް އެންމެ ބޮޑު ސިނާއަތަށްވީ ނަމަވެސް އެ ސިނާއަތް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަރައިގެން ނުދާ ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ވެސް އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި އެކަން އިތުރަށް ކުރިއަށް ޖައްސަވާނެ ކަމަށެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާގެ ކަންކަން ބެއްލެވުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީ، އަބަދުވެސް އޮންނަނީ ކޮންމެވެސް ވުޒާރާއެއްގެ ތެރެއަށް ލެވިފައި، ފޮރުވިފައި އެބައޮވޭ. އެހެން ނަމަވެސް، ބޭރަށް ނެރެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލުވާ ގޮތަށް ވުޒާރާއެއް ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ކޮންސްޓްރެކްޝަން ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެދާއިރާގެ ބޭފުޅުންނަށް ދެއްވައިފަ އެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީއެއް އެންމެ ފަހުން ހިންގީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެކަމަކު، ފަހުން އައި ހަތަރު ވެރިކަމުގައި ވެސް އިމާރާތް ކުރުމުގެ ދާއިރާ އަށް ހާއްސަ ވަކި މިނިސްޓްރީއެއް ނެތެވެ.