މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ހިއްކުމަށް ހަމަޖެހިފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓުގައިވާ ގޮތުން ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. އަދި 2025 ގައި 600 މިލިއަން ރުފިޔާ އަދި 2026 ގައި 350 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
ފުށިދިއްގަރުފަޅު ހިއްކާ އެތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެގޮތުން ގުޅީފަޅު، ގިރާވަރު އަދި ފުށިދިއްގަރުފަޅު ހިއްކައިގެން މާލެ ސަރަހައްދުން އެކަނި 65،000 ގެދޮރު ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެ އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުން ވެރިކަމުގެ ފުރަތަމަ ދެތިން މަސްތެރޭ ފަށާނެ ކަމަށް ވެސް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އެ ސަރަހައްދުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ 26،500 ހައުސިން ޔުނިޓް އެޅުމަށެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓްގައި ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭން ދުވަސްވަރު އެ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެކެވެ.
އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުއަށް 286 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމެނެ އެވެ. އަދި, އިޖުތިމާއި ބޯހިޔާވަހިކަމުގެ އަގުހެޔޮކުރުމަށް އާބަންކޯއަށް 177.4 މިލިއަން ރުފިޔާ ދިނުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް 8.9 ބިލިއަން ރުފިޔާ ވެސް ބަޖެޓް ކޮށްފައިވެ އެވެ.