އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އިލެކްޝަން ކޮމިޝަނަށް ކަނޑއަޅާފައިވަނީ 1.15 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން މަޖިލީސް އިންތިހާބަށް 61 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންހެނުންގެ ކޮމިޓީތަކުގެ ބައިއިލެކްޝަންތަކަށް 1.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ދެހާސް ނަވާރަގައި ބޭއްވި މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށް ހަމަޖައްސައިދީފައިވަނީ 89 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާނެ އެވެ. އެގޮތުން، އިތުރު ހަ ދާއިރާއާ އެކު މަޖިލީހުގެ 93 ގޮޑިއެއް އަންނަ އަހަރު މެންބަރުން އިންތިހާބު ކުރާނެ އެވެ. މިހާރު މެންބަރުންގެ އަދަދަކީ 87 އެވެ.
ކޮންމެ އިންތިހާބީ ދައުރަކަށް ފަހު މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާތީ އެ އަދަދު ހިފެހެއްޓުމުގެ މަގުސަދާ ވެސް އެކު މަޖިލީހުގެ އެކުލެވުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލަށް ވެސް ހުށަހެޅިފައިވެ އެވެ. މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ހުށަހެޅި އެ ބިލު މަޖިލިސް އިންތިހާބުގެ ކުރިން ފާސްކޮށްފިނަމަ އިންތިހާބުކުރާ ދާއިރާތަކަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނާނެ އެވެ.