ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ މިނިސްޓަރު ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ޝެޑިއުލް ކުރިގޮތުން 2019 ޖުލައި މަހު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ނިންމޭނެ ކަމަށެވެ. އަދި ކުރިން ނިންމާފައިވާގޮތާ ޚިލާފަށް ގުރުއާނާ ބެހޭ މަރުކަޒު އެތަނަށް ބަދަލުކުރުން ފަދަ ބޮޑެތި ބަދަލުތަައް ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ކިންގް ސަލްމާން މިސްކިތް ނުހުޅުވާ ލަސްވަނީ އަދިވެސް ހަދާ ނުނިމޭތީތޯ؟ ކުރިން ޝެޑިއުލްގައި އޮތް ގޮތުން ނަމަ ދެހާސް ނަވާރަ ޖުލައިގައި މަސައްކަތް ނިމޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތް 2020 ވަނަ އަހަރުގެ މާޗްމަހު ހުޅުވުމަށް ކުރިން ޝެޑިއުލް ކުރި ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް ރޯގާގެ ސަބަބުން ވަނީ ނުހުޅުވިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ޑިސެމްބަރު 2020 ގައި ބުނެފައިވާ ގޮތުގައި މިސްކިތް ހުޅުވުވާނެ ތާރީޚެއް ކަނޑައެޅުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން ސައުދީ ސަރުކާރާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އަދި މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅިފައި ނުވެ އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "މަސްޖިދު މަލިކް ސަލްމާން" މިސްކިތުގެ މަސައްކަތްކުރީ ތުރުކީގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އަލްކޭ- ޓާމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 28، 2017 ގަ އެވެ.
މާލޭގެ މަލަމައްޗަށް ރީތީ ޑިޒައިނަކަށް ހެދި އެ މިސްކިތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުއިއްޒެވެ.
ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަހައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދު ކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.
މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމަކާއި، ފަސް ސެމިނާ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފަ އެވެ. އެ މިސްކިތުގެ ހަތަރު ވަނަ ފަންގިފިލާގައި ވަނީ އެކިއެކި ސެމިނާތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެކެވެ. އެއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ ފަސްވަނަ ބުރި ހަދާފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށް ވެސް ބޭނުންކުރެވޭނެ ގޮތަށް މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގަ އެވެ.
އެ މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާތަކާއި އަރަބި ކެލިގްރަފީއާއި، ކިރީތި ގުރުއާނުގެ އާޔަތްތަކާއި، އިސްލާމީ ސަގާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ގިނަ އަދަދަކަށް ބޭނުންކޮށްފައިވެ އެވެ.