އާސަރުކާރުގެ މެނިފެސްޓޯ ތަމްފީޒު ކުރަމުންދާގޮތް ބެލުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެމަނިކުފަނާ ކަމަށާ މެނިފެސްޓޯގައި ހިމަނާފައިވާ ހުރިހާ ކަމެއް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިންތިހަބީ ނައިބުރައީސް ހުސައިން ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކަރުގައި އެމަނިކުފަނާ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން އާސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެވެމުންދާ މިންވަރު ބެލުމުގެ ޒިންމާ ހަވާލުކުރައްވާފައިވަނީ އެމަނިކުފާނަ ކަމަށް ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ އާސަރުކާރުގެ މެނިފެސްޓޯއިން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށެވެ. މެނިފެސްޓޯގައި ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ކަށަވަރުވާނެ ކަމަށާ ސަރުކާރުން އެންމެ ރައްޔިތެއްވެސް ބާކީ ނުކޮށް ހިދުމަތް ދޭނެކަން އިންތިހާބީ ނައިބްރައީސް ފާހަގަކުރެއްވި އެވެ.

"ހުރިހާ ކަމެއްގައިވެސް އިންތިހާބީ ރައީސްއާ މަޝްވަރާ ކުރައްވާ. މަޝްވަރާ ކުރައްވައިގެން ކަންކަން ހަވާލުކުރައްވާ. ގައުމީ މަސައްކަތާއި އިޖްތިމާއީ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން މެނިފެސްޓް ތަންފީޒްކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާވެސް ހަވާލުކުރެއްވި،" އިންތިހާބީ ނައިބްރައީސް ވިދާޅުވި އެވެ.

މިހާތަނަށް ނައިބު ރައީސުންގެ އެންމެ ބޮޑު މަސްއޫލިއްޔަތެއްގެ ގޮތުގައި އޮންނަނީ އިޖުތިމާއީ ކަންކަން ކުރެއްވުމެވެ. ސަރުކަރު ހިންގެވުމާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ނައިބްރައީސުންގެ ދައުރެއް އޮންނަތަނެއް މީގެކުރިއަކުން ނުފެނެ އެވެ.