ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3"ގެ ޝޯތައް އެޑްވާންސް ބުކިންއަށް ހުޅުވާލެވިފައިވާއިރު ރެކޯޑު އަދަދަކަށް ޓިކެޓު ވިކިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ފިލްމުގެ 33000 އަށްވުރެ ޓިކެޓު ވިކިފައިވެ އެވެ. އެއީ އާމްދަނީގެ ގޮތުން ބަލާނަމަ އެއް ކުރޯޑް އަށްވުރެ އިތުރު އަދަދެކެވެ.
މިއީ މިއަހަރު ކުރީކޮޅު ނެރުނު ޝާހްރުކް ޚާންގެ "ޕަތާން"ގެ އެޑްވާންސް ބުކިންއަށްވުރެ އިތުރު އަދަދެކެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ފިލްމުން އިތުރު ރެކޯޑުތައް ހަދާނެ ކަމަށް ބެލެވެ އެވެ.
ގިނަ ޝޯތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޓައިގާ 3 ސިނަމާތަކުގައި ދައްކަން ފަށާ ގަޑި ހެނދުނު 06:00 އަށް އަވަސް ކުރެވިފައިވާއިރު ކަޅު ބާޒާރުގައި ފިލްމުގެ ޓިކެޓެއް 1600 ރުޕީސްއަށް އުޅޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ނޮވެމްބަރު މަހު 12 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ޓައިގާ 3ގައި ސަލްމާން ޚާންގެ އިތުރުން ކެޓްރީނާ ކައިފް ފެނިގެންދާއިރު ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެނިގެންދާނެ އެވެ.