ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3"އަށް ނަގާފައިވަނީ އެ ފްރެންޗައިޒުގެ އެންމެ ފުރަތަމަ ފިލްމު "އޭކް ތާ ޓައިގާ"އަށް ނެގި އަގަށްވުރެ 766 ޕަސެންޓް ބޮޑު އަގެއް ކަމަށް ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފިލްމުން ލިބޭ ފައިދާގެ 60 ޕަސެންޓް ހިއްސާއާއެކު އޭނާއަށް ފިލްމުން ގާތްގަނޑަކަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ އެވެ.

މިމަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޓައިގާ 3"ގެ ޓިކެޓު ވިއްކަން ފަށާފައިވާއިރު މިހާތަނަށް ވެސް އެޑްވާންސް ބުކިންގެ ގޮތުގައި ރެކޯޑް އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިހާތަނަށް ބޮލީވުޑްގައި އެއް ފިލްމަކުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޝާހްރުކް ޚާންއަށެވެ. މިއަހަރު ކުރީކޮޅު ނުކުތް އެ ފިލްމުން އޭނާއަށް 200 ކްރޯޑްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

ސަލްމާންގެ އިތުރން ކެޓްރީނާ ކައިފް ވެސް ފެނިގެންދާ "ޓައިގާ 3"ގައި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް ފެނިގެންދާނެ އެވެ.