ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ހިފެހެއްޓި އިންޑިއާގެ ޓެމިލްނާޑޫގެ މަސްވެރިންތަކެއް އަނބުރާ ގައުމަށް ފޮނުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް އެ ބޯޓުގައި އިންޑިއާގެ 12 މަސްވެރިން ތިބި އެވެ. ފިޝަރީޒް މިނިސްޓްރީ މި މަހުގެ އެއްވަނަ ދުވަހު ވަނީ އެ ބޯޓު 42،000ރ. އިން ޖޫރިމަނާކޮށް އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައިފަ އެވެ. އެ ފައިސާ ނުދައްކާ ނަމަ، ނުފުރޭނެ ކަމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

ރާއްޖޭގެ އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ބުނެފައި ވަނީ މަސްވެރިންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ބޭނުންވާ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މަސްވެރިން އިންޑިއާ އަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

"މިކަން ހައްލު ކުރުމަށް ހައި ކޮމިޝަނުން ދަނީ ރާއްޖެއާ އެކުގައި މަސައްކަތް ކުރަމުން،" ހައި ކޮމިޝަނުން ބުނެފައިވެ އެވެ.

އެ މަސްވެރިން ދޫކޮށްލުމަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވެސް ވަނީ ގޮވާލައްވައިފަ އެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިފަހައްޓާފައިވާ މަސްވެރިންނާއި އެ މަސްވެރިންގެ އާއިލާތައް ދިރިއުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އެއްޗަކުން ކަމަށާއި އެމީހުން ދައްކަން ކުރި ޖޫރިމަނާއަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ، ޖައިޝަންކަރް މިކަމުގެ ތެރެއަށް ވަދެ، އެ މަސްވެރިން ދޫކޮށްލުމަށް މަސައްކަތްކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

ސްޓާލިން ވިދާޅުވީ މިދިޔަ މަހު ފުރަތަމަ ދުވަހު މަހަށް ފުރި އެ ބޯޓުން މަސްވެރިކަން ކުރަމުން ދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ އުޅަނދުން ރާއްޖޭގެ ބޯޑަރު ތެރެއަށް ނުވަންނަ ކަމަށެވެ.