ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމަން ކޮންޓްރެކްޓަރުންނަށް ދީފައިވާ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމާލަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ދިމާވި އެކި ދަތިތަކަށް ލުޔެއް ހޯދައިދޭން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާންކުރި ފަހުން އަދި މިދިޔަ މެއި 30 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު، މުއްދަތު އިތުރު ކޮށްދޭނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅައި ކުންފުނިތަކަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގައި ބައިވެރިވެފައިވާ ކުންފުނިތަކުން މުއްދަތު ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް، މި މަހު 16 ގެ ކުރިން މުއްދަތު އިތުރު ކުރަން އެދެން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އަދި، މުއްދަތު އިތުރު ކޮށްދޭން އެދޭ ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުން މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތަށް ބަދަލު ކޮށްދޭން މިނިސްޓްރީން ވަނީ ބުނެފަ އެވެ.