ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ ތެރެއިން ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާ ހޯދަށް އެޓާނީ ޖެނެރަލް އޮފީހުން ކުރި ދައުވާ މިވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އާރަށު މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު، ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އެ ފައިސާ އެމަނިކުފާނު ނުދައްކަވާކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން އިއްޔެ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމައި ހުކުމްކޮށްފައިވެ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، އާރަށު މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައިވެ އެވެ.

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ތަންފީޒުކުރުން އެދި އޭޖީ އޮފީހުން ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރީ އާރަށު މައްސަލާގައި އިއްވާފައިވާ ހުކުމުގެ އިސްތިއުނާފާއެކު އެ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގަތުމުން އެފަދަ އަމުރެއް އެ ކޯޓުން ނެރެފައި އޮތް ކަމެވެ.

އެގޮތުން ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ ހައިކޯޓުގައި ހިނގަމުންދާ އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމައި ގޮތެއް ކަނޑައެޅުމާ ހަމައަށް އެ ފައިސާ ހޯދުމުގެ ގޮތުން ކޯޓަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ކުރިއަށް ނުގެންދިއުމަށާއި، އެނޫންވެސް ގޮތަކުން އެ ފައިސާ ހޯދުމަށް މީރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

އެހެންކަމުން ސިވިލް ކޯޓުން ނިންމާފައިވަނީ އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެ ސަބަބުތަކަށްޓަކައި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހިމެނޭ ފައިސާގެ ބައި ތަންފީޒުކުރަން އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ކުރިއަށްގެންދަންޖެހޭ ސަބަބެއް ނެތުމުން، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެ އެވެ.