އިންޑިއާ އިން ފަންޑުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ޑެޕިއުޓީ ޑިރެކްޓަރު ރަމޭޝް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރަމޭޝް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކަންކަން ނިންމަވަމުން ގެންދަވާނީ ވިސްނުންތެރި ކަމާއެކުގައި ހަގީގަތަށް ބިނާކޮށް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖޭގެ ތަރައްގީ އަށް އަބަދުވެސް އެހީތެރިވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ނިންމުންތައް ނިންމާނީ ހަގީގަތަށް ބިނާކޮށް. އަދި އަޅުގަނޑުމެން މި ދަނީ ގައުމުގެ (ރާއްޖޭގެ) ކުރިއެރުމަށް އެހީތެރިވަމުން. ކުރިއަށް އޮތް ތަނުގައި ވެސް އެހީތެރިވުމުގައި ދެމިތިބޭނަން. މި ދަނޑިވަޅުގައި އަޅުގަނޑުމެން ކަންބޮޑުވެގެން އުޅެން ޖެހޭ އެއްވެސް ކަމެއް ނެތް،" އެގްޒިމް ބޭންކްގެ ޑިރެކްޓަރު ރަމޭޝް ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ އެގްޒިމް ބޭންކުން މީގެކުރިން ވަނީ ލައިން އޮފް ކްރެޑިޓްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފޯރުކޮށްދީފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޝްރޫއުތައް ހިންގުމަށް އެގްޒިމް ބޭންކް މެދުވެރިކޮށް 1.4 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ކަނޑައަޅާފައިވެ އެވެ.
"މި ހާލަތުގައި އަދި ނެތް އެއްވެސް ބަދަލެއް އައިސްފައެއް،" ރަމޭޝް ވިދާޅުވި އެވެ.
އިންޑިއާ އިން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅާލައި "ތިލަމާލެ ބްރިޖު" މަޝްރޫއު އާއި ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މަޝްރޫއު ވެސް ހިމެނެ އެވެ.