ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ހިފެހެއްޓި އިންޑިއާގެ ޓެމިލްނާޑޫގެ މަސްވެރިންތައް އަނބުރާ ގައުމަށް މިއަދު ފޮނުވާލައިފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ އަށް މަސްވެރިން އެ ގައުމަށް ފޮނުވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ހައި ކޮމިޝަނުން ޝުކުރު އަދާކުރި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އެ ބޯޓުގައި ތިބި މީހުން އަތުލައިގަތީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ބޯޓު 42،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އަންގާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެ މަސްވެރިން ހިފަހައްޓައި ޖޫރިމަނާ ކުރި މައްސަލައިގައި އިންޑިއާގެ ޓެމިލް ނާޑޫގެ މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ ފާޑު ވިދާޅުވެފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ ހިފަހައްޓާފައިވާ މަސްވެރިންނާއި އެ މަސްވެރިންގެ އާއިލާތައް ދިރިއުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އެއްޗަކުން ކަމަށާއި އެމީހުން ދައްކަން ކުރި ޖޫރިމަނާއަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އަދި އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަންނަ ކަމަށާއި އެމީހުން މަސްވެރިކަން ކުރަމުން ދިޔައީ ގަވައިދާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.