ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުން އިހްތިޖާޖް ކުރައްވަން ފައްޓަވައިފި އެވެ.

މަޖިލިހުގެ ދެ ޖަލްސާ އެއް މިއަދު އެޖެންޑާ ކުރިއިރު، 9:00 ގައި ތާވަލް ކުރި ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ ޖަލްސާ ބޮއިކޮޓް ކުރެއްވުމާއި ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ޖަލްސާ 11:00 ގައި ފެށި އިރު، އެ ޖަލްސާގައި އޮތީ ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ގޮތެއް ނިންމުމެވެ. ނަމަވެސް އޭރު ރިޔާސަތުގައި އީވާ އިންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ އަޑުގަދަ ކުރައްވައި އީވާ ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމަށް ގޮވާލައްވައިފަ އެވެ. އަދި އެހެން ބޭފުޅަކާ ރިޔާސަތު ހަވާލު ކުރެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވި އެވެ.

އީވާ ވަނީ ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، މަޖިލިހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، މަޖިލިސް މެދުކަނޑާލެއްވި ގޮތަށް އަދިވެސް ނުފައްޓަވަ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން "ހުރިހާ" އަށް ވިދާޅުވީ ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދަން ހުރަސްއެޅުމަށް އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށް މިހާރު ދެކޮޅު ހައްދަވާ ކަމަށެވެ. މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ ވެސް އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށް ތަކުރާރުކޮށް ލަފާ ދެއްވި ކަމަށާއި ނަމަވެސް އެ ލަފާ ގަބޫލުނުކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

"ދެން މި ބުނަނީ މާހައުލެއް ނެތޭ ޖަލްސާ ބާއްވަން. އެހެން ބުނާ އިރު، ޑިމޮކްރެޓްސްގެ މެމްބަރުން އިދާރީ މޭޒު ކައިރި އަށް ގޮސްގެން އަޑުގަދަ ކުރައްވަނީ. އިދާރީ މޭޒު ދޮށުގައި ތިއްބެވީ ވެސް ދެތިން މެމްބަރުން،" މެމްބަރަކު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ އީވާ އާއި އަމީންއާންމު ވާހަކަ ދައްކަވާ ވީޑިއޯއެއް "އެކްސް" ގައި ޕޯސްޓުކުރައްވައިފަ އެވެ.

"އީވާ ނުފައިބައިގެން ޖަލްސާ ކުރިއަށް ނުގެންދެވިފައި. އެސްޖީ ބުނެ ބުނެ ވެސް އީވާ ނުފޭބި. ބޭބެގެ ގޮނޑީގައި ބައްދައިގެން ވޯޓަށް ފިލާ،" މަޖިލިހުގެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ދެއްވި ލަފައާ އެއްގޮތަށް މަޖިލިސް ކުރިޔަށް ގެންދަން އަމީންއާންމަށް ލަފާ އަރުވަން ފާސްކޮށްފަ އެވެ.

ރިފްއަތު ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިންމުކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ.