ރައްޔިތުންގެ މަޖިލިހުގެ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މަޖިލިހަށް ވަޑައިގެން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވައިފި އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން މަޖިލިހަށް ހުށަހެޅީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމާ އެކު، ނިޒާމީ ނުކުތާއެއް ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު، ހިނގާ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަންޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ލަފާ ގަބޫލު ކުރައްވައި އަމީރު މަޖިލިހަށް ވަޑައިނުގަތް އިރު، ސުޕްރީމް ކޯޓުގެ ހުކުމުން އެ ލަފާއަކީ ގާނޫނުއަސާސީއާ ހިލާފު ލަފައެއް ކަން ސާފުވާ ކަމަށެވެ.

މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވާ އިރު، ބަންޑާރަ ނައިބު ދެއްވި ލަފައަކާ ގުޅިގެން ބަޖެޓު ހުށަހެޅުއްވުމަށްޓަކައި އަމީރު ފުރަތަމަ މަޖިލިހަށް ވަޑައިނުގަންނަވަ އެވެ. ބަންޑާރަ ނައިބު އޭރު ވިދާޅުވެފައި ވަނީ މަޖިލިހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ، އާޒިމް ވިދާޅުވީ މި މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނިޒާމީ މައްސަލަ ނަންގަވައި ނަޝީދު ވިދާޅުވީ މާލީ ވަޒީރު މަޖިލިހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް،" ނަޝީދު ވިދާޅުވި އެވެ.

"މަޖިލިހުގެ ބާރުތަކެއް ދޫކޮށެއް ނުލެވޭނެ މާލީ ވަޒީރަކަށް. މަޖިލިހަށް ގޮން ނުޖެހޭނެ،"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމީރު މަޖިލިހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. އެއީ ގާނޫނުން ލާޒިމް ކުރާ މުއްދަތުގައި މަޖިލިހުން އަންގާފައި ވަނިކޮށް ގަސްދުގައި މަޖިލިހަށް ޗެލެންޖު ކުރައްވައި ވަޑައިގެންފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މުޅި މަޖިލިހުގެ ނިޒާމަށް އަރައިގަތުން ކަމަށް ދެކެން. އަދި ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ޔަގީންކޮށް ދީފައި ވަނީ އެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް،" އިންތި ވިދާޅުވި އެވެ.

މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މިދިޔަ ހަފްތާގައި އެއްކޮށްހެން ބަޖެޓުގެ މަސައްކަތް ހުއްޓުވާފައި އޮތީ ކޯރަމް ގެއްލުވާލައިގެން ކަމަށެވެ. އެ މަސައްކަތް ލަސްކޮށްފައި ވަނީ ރައްޔިތުންނަށް ލިބޭ ގެއްލުން އެނގިވަޑައިގެން ތިއްބަވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

އީވާ ވެސް ވިދާޅުވީ މާލީ ވަޒީރު ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މިކަމަކީ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިސްކޮށް އިންނަވައިގެން ބައްލަވަން ޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ މަޖިލީހުގެ ނައިބު ރައީސް ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ. އެ ހުކުމުގައި ބުނީ، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަމަށްވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ނުނިންމިޔަސް، އެ ކަންކަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.