މީގެ ހަ އަހަރު ކުރިން އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައި ހިމެނޭ 18 އަހަރު ނުފުރޭ ކުއްޖާގެ ބަންދުގެ މުއްދަތު ލުއި ކޮށްދޭން ނިންމައިފި އެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހުގެ ރޭ ގުރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ.

އެމައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖެއް ވެސް ހިމެނެ އެވެ. މިހާތަނަށް ކުށް ސާބިތުވީ ވެސް އޭނާގެ މައްޗަށް އެކަންޏެވެ. އެމައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

ކުށް ސާބިތުވި ކުއްޖާ 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެކުއްޖާގެ ޖަލު ހުކުމް 18 އަހަރުން 10 އަހަރަށް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމާފަ އެވެ.

ރައީސް އަށް ޕެރޯލްގެ ގާނޫނުގެ ދަށޫން ލިބިދޭ ބަރުގެ ދަށުން އެކުއްޖާގެ ޖަލު ހުކުމް މިހާރު ވަނީ 10 އަހަރަށް ކުޑަކޮށްދީފަ އެވެ.

2021 ވަނަ އަހަރު ޖުވެނައިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައިވެ އެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރު އެމައްސަލަ ހައިކޯޓަށް ހުށހަެޅުމުން ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު، އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ، އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.