ކިނބިހި އެޅުމަކީ ނޭފަތުގައި ހުންނަން ނުޖެހޭ އެއްޗެއް ހުރުމުގެ ސަބަބުން އެ އެއްޗެއް ބޭރު ކުރުމަށްޓަކައި ހަށިގަނޑުގައި އެކުލެވިފައިވާ ނިޒާމެކެވެ.

އޭގެ ތެރޭގައި އެކި ޒާތްޒާތުގެ ހިރަފުހާއި، ޖަރާސީމާއި، ދުން ނުވަތަ ކުދި ދިރޭ އެއްޗެހިވެސް ހިމެނެ އެވެ. ނޭފަތަށް ކިނބިހި އަންނަ ކަމުގެ އިހުސާސް ވުމާއި އެކު ހިނދުކޮޅެއްގެ ތެރޭގައި ކިނބިހި އެޅި މީހާގެ ހަށިގަނޑަށް އަދި ނޭފަތަށް ލުއި ލިބެ އެވެ.

މިކަމަކީ ހަށިގަނޑަށް ލިބިދާނެ ކުއްލި ނުރައްކާތަކުން ސަލާމަތް ކޮށްދޭ ކަމެކެވެ. ހަމައެހެންމެ ކިނބިހި އަންނަން އުޅުމުން ނާޅައި ހިފެހެއްޓުމަކީވެސް ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

އެގޮތުން ކިނބިހި ހިފެހެއްޓުމުގެ ސަބަބުން ނޭފަތުގައި ހުންނަ އަރިދަފުސް އަނބުރާ ހަށިގަނޑަށް ވަދެ އެކި ކަހަލަ ބަލިތަކަށް މަގުފަހި ކުރުވަ އެވެ.

އޭގެ އިތުރުން ކިނބިހި ހިފެހެއްޓުމުން ހަށިގަނޑަށް ދެވޭ ޕްރެޝަރުގެ ސަބަބުން ނޭވާލާ ނިޒާމަށް އެތައް ގެއްލުންތަކެއް ލިބެ އެވެ. އޭގެ ތެރޭގައި ސައިނަސް، ނާސަލް ކެވިޓީ ފަދަ ކަންކަން ހިމެނެ އެވެ.

ހަމަ އެހެންމެ އެއީ ކަންފަތުގެ އެތެރޭގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމަށް ވެސް ދިރާސާތަކުން ހާމަވެ އެވެ.

ކިނބިހި ހިފެހެއްޓުމުގެ ސަބަބުުން ލޮލާއި ނޭފަތް އަދި ކަންފަތުގެ ލޭނާރުތަކަށް ގެއްލުންވުން އެކަށީގެންވާ ކަމަށް ހޯދުންތަކުން އެނގިފައިވެ އެވެ.

އެހެން ކަމުން ކިނބިއްސެއް އަންނަނަމަ އެކަން ހުއްޓުވަން މަސައްކަތްކުރާ ކުރުން ހުއްޓަން ވެއްޖެ އެވެ. އެއީ ސިއްހަތަށް ގެއްލުންހުރި ކަމެކެވެ.