ދައުރު ހަމަވެ، ނައިބު ރައީސް ކަމުގެ މަގާމު މާދަމާއިން ފެށިގެން ގެއްލޭތީ ފައިސަލް ނަސީމް ހިލާލީގެއިން ނުކުމެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލް ހިލާލީގެއިން ބަދަލުވެވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ފުވައްމުލަކަށް އުފަން ފައިސަލް ހިލާލީގޭގައި ދިރިއުޅުއްވަން ފެއްޓެވީ ޖެނުއަރީ 7، 2018 ގަ އެވެ. މި ސަރުކާރަށް ވެރިކަން ލިބުމާ އެކު ފައިސަލް ހިލާލީގޭގައި ދިރިއުޅުއްވަން ފެއްޓެވީ އެ ގޭގެ އިމާރާތް ވަރަށް ބޮޑަށް މަރާމާތު ކުރުމަށް ފަހު އެވެ.

ފައިސަލްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ މި މަހުގެ 10 ވަނަ ދުވަހު މުލިއާގެއިން ނިކުމެވަޑައިގެންފަ އެވެ. ރައީސް ސޯލިހު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގަ އެވެ.

މުލީ އާގެއަކީ ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންނަށް ހާއްސަ ކޮށްފައި ހުންނަ ދައުލަތުގެ ގެކޮޅެކެވެ. އަދި ހިލާލީ ގެއަކީ ނައިބު ރައީސްއަށް ހާއްސަކޮށްފައި ހުންނަ ދައުލަތުގެ ގެކޮޅެވެ.

މާދަމާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) މަގާމުގެ ހުވާކުރައްވާނެ އެވެ. އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާންގަ އެވެ.