ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައިފި އެވެ.

ރައީސްކަމުގެ ހުވާ ޑރ. މުއިއްޒު ކުރެއްވީ މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ހުވާކުރެއްވުމަށް ފަހު 21 ބަޑީގެ ސަލާމެއް އެމްއެންޑީއެފް އިން ވަނީ އަރުވާފަ އެވެ.

މީގެ އިތުރުން ހުސައިން މުހައްމަދު ލަތީފު ވަނީ ނާއިބު ރައީސް ކަމުގެ ހުވާކުރައްވާފަ އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެންމެ ފަހުން ރައީސްކަން ކުރެެއްވި އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ނިމިގެންދާ ދައުރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި ރައީސް ޔާމީންގެ ދައުރުގެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އަބްދުﷲ ޖިހާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

https://www.youtube.com/watch?v=USo4d4cpQug

މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

މިރަސްމިއްޔާތަކީ ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެންމެ ގިނަ މީހުން ބައިވެރިވި އެއް ރަސްމިއްޔާތެވެ.

ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ މިއަދު ހަވީރު ކުރައްވަނީ. ފޮޓޯ: މަޖްލިސް

އެގޮތުން މިރަސްމިއްޔާތުގައި ދައުވަތު ދެވިގެން 3،500 އަށް ވުރެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ބޭރު ގައުމުތަކުން މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭހެން 46 ގައުމަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެ އެވެ.

ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް، 1000 އާއްމު ރައްޔިތުންނަށް ވެސް ރަސްމިއްޔާތު ބަލާލުމުގެ ފުރުސަތު ދިނުމަށް ނިންމި އެވެ.