މިދިޔަ އާދީއްތަ ދުވަހު ކުޅުނު އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް މެޗުން ބަލިވެ ތަށި ގެއްލުމުން މުޅި އިންޑިއާ ހިތާމަ ފާޅު ކުރަމުން އެބަދެ އެވެ.

އިންޑިއާގެ އަހުމަދުއާބާދުގައި ކުޅުނު އެ މެޗު އިންޑިއާއާ ވާދަކޮށް ހަވިކެޓުން ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޓީމުންނެވެ. އެއާއެކު މުބާރާތުގެ ތަށި ހޯދަން ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑުވެގެން ދިޔަ އެވެ.

މެޗުގައި އިންޑިއާއިން ކުޅެން އަރައި 240 ލަނޑު ހެދިއިރު ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރައި 241 ލަނޑު ހެދި އެވެ. މެޗުގެ ޕްލެޔާ އޮފް ދަ މެޗްއަކަށް ހޮވުނީ އޮސްޓްރޭލިއާގެ ޓްރޭވިސް ހެޑް އެވެ.

އާދީއްތަ ދުވަހުގެ މެޗު ބަލަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް ދަނޑަށް ދިޔަ އެވެ. އޭގެ ތެރޭގައި އަނުޝްކާ ޝަރްމާ، އާތިޔާ ޝެޓީ، ޝާހްރުކް ޚާން، ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ހިމެނެ އެވެ.

އޭގެ ތެރެއިން އަނުޝްކާ ޝަރްމާއާއި އާތިޔާ ޝެޓީގެ ފިރިން ކަމަށްވާ ވިރާޓް ކޯލީއާއި ކޭއެލް ރާހުލްއަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނެވެ.

މެޗުން ބަލިވުމުން އަނުޝްކާ ވިރާޓްއަށް ހިތްވަރު ދިން މަންޒަރު ފެނުނުއިރު ބޮލީވުޑްގެ ތަރިންނާއި އާއްމުން ވެސް އަންނަނީ ޓީމަށް ހިތްވަރުގެ ބަސްތައް ރައްދު ކުރަމުންނެވެ.