ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރާ ހަމައަށް ޖެއްސުން ކަމަށް "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ކޯ ޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ވަޒީރުން ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ މައި ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަން އޮތް ކަމުގައި ވިޔަސް، އެކަމާ ގުޅުން ހުރި އިތުރު ސިނާއަތްތައް ތައާރަފްކޮށް ގެނައުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށާއި ހުރިހާ ވަޒީރުން ވެސް ތިއްބެވީ އެ ވިސްނެވުމުގައި ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ތެރެއިން އެ ސިނާއަތް ޑައިވާސިފައި ކުރުމަށާއި އިގްތިސާދު ހަމައެކަނި އެއް ކަމަކަށް އަމާޒު ނުކުރުމަށް އެކިއެކި މިނިސްޓްރީތަކުން ސިޔާސަތުތައް ގެންގުޅުއްވާ ކަމަށް ސައީދު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޔާސަތުތަކާ ބެހޭ ގޮތުން މާ ބޮޑެތި ތަފްސީލްތަކެއް އެއްވެސް މިނިސްޓަރަކު ދެއްވާފައެއް ނުވެ އެވެ.

އެކަމަކު، ސައީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަން އެމެރިކާ ޑޮލަރުގައި އެވްރެޖްކޮށް ހުރިއިރު، އޭގެ ތެރެއިން 4.5 ބިލިއަން އެމެރިކާ ޑޮލަރު ލިބެނީ ފަތުރުވެރިކަމުން ކަމަށެވެ. އަދި އަމާޒަކީ ޓޫރިޒަމުން ލިބޭ އާމްދަނީ ހަ ބިލިއަން އެމެރިކާ ޑޮލަރަށް ޖެއްސުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގައި ކުރު ރާސްތާގެ ޓާގެޓެއް އެބައޮތް. އެއީ ހަ ބިލިއަން އެމެރިކާ ޑޮލަރަށް ޓޫރިޒަމް ރެވެނިއު ޖެއްސުން. މިއީ މިހާރުގެ ޓޯޓަލް ޖީޑީޕީ ސީލިން ހަމައެކަނި ޓޫރިޒަމް ސެކްޓާ އަށް ޓާގެޓްކޮށްފައި ޕުޝްކޮށްލުން. އެހެންވީމަ އެހެން ސެކްޓާތަކާ އެކުގައި ވަރަށް ބޮޑު ތަން އިތުރުވެގެން ދާނެ." މިއީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވި އެވެ.

ސައީދުގެ ވާހަކައިގައި ވަނީ ބައެއް ގައުމުތަކުގައި މިހާރު ވެސް ވިޒިޓާ އިކޮނޮމީ ކައުންސިލް އުފައްދައިގެން މަސައްކަތްކޮށްފައި ހުރި ކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، ސައުދީ އަރަބިއްޔާ، ދުބާއީ ފަދަ ގައުމުތައް ފާހަގަ ކުރެއްވެވި އެވެ.

ސައީދު ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރެވިދާނެ ކަމަށެވެ. އެއީ ރައީސް މުއިއްޒު ވެސް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ސެއިލިންއަކީ ޓޫރިޒަމްގެ ތެރެއިން ގެނެވޭނެ އެއް އިކޮނޮމިކް އެކްޓިވިޓީ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެގޮތަށް ހެރިޓޭޖް ސައިޓްތައް ދައްކައިގެންނާއި ސްކައި ޑައިވިން ކަހަލަ ކަންކަމަކީ ވެސް ކުރެވިދާނެ ކަންކަން ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ސައީދު ވިދާޅުވީ މިކަމުގެ ސަބަބުން ދެކޮޅު ޖެހޭ އާމްދަނީއެއް ރާއްޖެ އަށް ލިބި، ދެމެހެއްޓެނިވި ކޭޝްފްލޯ، އިގްތިސާދެއް ގެންގުޅެވި ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވެގެން ދާނެ ކަމަށެވެ.