ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ ކަމަށްވާ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީއަށް މިވަނީ ދާދިފަހުން އަންހެން ކުއްޖަކު ލިބިފަ އެވެ.

ދަރިފުޅު ލިބުމާއެކު ޕްރައިވެސީ ވަރުގަދަކޮށް، ކުއްޖާގެ ޖިންސު ފިޔަވާ އެހެން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. އަދި އަނުޝްކާ ވިހައިގެން އޮތް ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެމީހުންގެ ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި އެ އާއިލާގެ ޕްރައިވެސީއަށް އިހްތިރާމުކުރުމަށް އެދިފައިވެ އެވެ.

މިއަދު މިވަނީ އެކުއްޖާ އަށް ކިޔާ ނަން އެނގުމަށް ކެތްމަދުވެފައި ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް އައިސްފަ އެވެ.

އެގޮތުން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކުން އެނގޭ ގޮތުގައި އެ ދެމީހުންގެ ދަރިފުޅަށް ކިޔަނީ "ވަމިކާ" އެވެ.

މިއީ ވިރާޓް އާއި އަނުޝްކާގެ ނަމާ ގުޅުވާލައިގެން ކިޔާފައިވާ ނަމެކެވެ.

އެ ޕޯސްޓުގައި އަނުޝްކާ ބުނެފައިވަނީ މީގެ ކުރިން އެ ދެމީހުން ދިރިއުޅެމުން އައީ ލޯތްބާއި ހަމަހިމޭންކަމުން ފުރިގެންވާ ދިރިއުޅުމެއް ކަމަށާއި އެހެން ނަމަވެސް ދަރިފުޅު ވަމިކާގެ ސަބަބުން އެ އިހުސާސްތައް މުޅިން އެހެން ހަރުފަތަށް ގެންގޮސްދީފި ކަމަށެވެ. އަދި ލޯތްބާއި ހިނިތުންވުމާއި ކަންބޮޑުވުމާއި ކަރުނައާއި މިހުރިހާ އިހުސާސެއް ކުޑަ ވަގުތުކޮޅެއްގައި އިހުސާސުވެ، ހަމަ ނިދި ނުލިބުނަސް ލޯބިން ހިތްފުރިފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަނުޝްކާ ވިހާފައިވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ބްރީޗް ކެންޑީ ހޮސްޕިޓަލްގަ އެވެ.