ބޮލީވުޑްގައި 35 އަހަރު ހޭދަވިއިރު އޭނާގެ ކެރިއަރަށް ދުވަހަކު ވެސް ދަށްވުމެއް ނާންނަ ކަމަށް ހިންދީ ފިލްމުތަކުން ގިނަ ބައެއްގެ މަގަބޫލުކަން ހޯދާފައިވާ ސަލްމާން ޚާން ބުނެފި އެވެ.

"އިންޑިއާ ޓުޑޭ"އަށް ދިން އިންޓަވިއުއެއްގައި ކެރިއަރުގައި ދަށްވުމެއް އައިސްފައިވާ ކަމަށް އިންކާރު ކުރަމުން ސަލްމާން ބުނީ އޭނާގެ ކެރިއަރުގެ ދަށްވުމުގެ ގޮތުގައި ސިފަކުރެވޭ ހާލަތްތަކަކީ ވެސް ގިނަ ބަޔަކަށް "މަތިވުމެއް" ކަމަށެވެ.

އެއާއެކު ބައެއް ފަހަރު އޭނާ އެންމެ ބޭނުންވާ ފުރިހަމަ ކާމިޔާބީ ނުލިބި ދާކަމަށާއި އެހެން ނަމަވެސް އެއީ ދަށްވުމެއް ނޫން ކަމަށް ސަލްމާން ބުންޏެވެ.

ސަލްމާން ވަނީ އޭނާގެ ދިގު ކެރިއަރުގައި ލިބިފައިވާ މުހިއްމު ރޯލުތަކާއި ފުރުސަތުތަކަށް ދާއިރާގެ ޕްރޮޑިއުސަރުންނަށާއި ޑައިރެކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

1988 ވަނަ އަހަރު ނުކުތް "ބީވީ ހޯތޯ އެއިސީ"އިން ބޮލީވުޑަށް ތައާރަފްވި ސަލްމާންގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހަމް އާޕްކޭ ހޭ ކޯން"، "ހަމް ދިލް ދޭޗުކެ ސަނަމް"، "ބަޖްރަންގީ ބައިޖާން"، "ދަބަންގް"އަދި "ޓައިގާ"ފަދަ ފިލްމުތައް ހިމެނެ އެވެ.

ސަލްމާން މިހާރު އަންނަނީ އެންމެ ފަހުން ނުކުތް އޭނާގެ ފިލްމު "ޓައިގާ 3"އަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ފާހަގަ ކުރަމުންނެވެ.