އެމެރިކާގެ ސެންފްރާންސިސްކޯގައި މިއަހަރު އޮތް، އޭޕެކް 2023 ސީއީއޯ ސަމިޓްގައި ގާޒާގައި އިޒްރޭލުން ހިންގަމުންގެންދާ އުދުވާނާ ދެކޮޅަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ވާހަކަފުޅު ދެއްކެވި ސާބިތުކަމަށްޓަކައި މީސްމީޑިއާގައި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

އަންވަރު ވިދާޅުވި ގޮތުގައި، އާންމުންގެ ތެރެއަށާއި ގެދޮރާއި ހޮސްޕިޓަލްތަކަށް ބޮން ގޮއްވާލުމުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންގެ މައުސޫމް ފުރާނަތަކަށް، ކުރާ އަނިޔާތައް މެލޭޝިޔާއިން ކުށްވެރިކުރާ ކަމަށެވެ. އަދި އޮކްޓޯބަރު 7، ވަނަ ދުވަހުން ފެށިގެން މިހާރު ހިނގަމުގެންދާ ގަތުލުއާއްމުގައި މަރުވި މީހުންގެ އަދަދު ވަނީ 12،000 އަށްވުރެ މައްޗަށް އަރައިފައެވެ.

އަންވަރު ވިދާޅުވީ ކޮންމެ ސިކުންތެއް ވެސް މުހިންމު ކަމަށާއި، މެދުކެނޑުމެއް ނެތި ބޮން ގޮއްވާލުން ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންގެ އިއްތިފާގުން ގޮވާލުން ލަސްވުމުން، އޭގެ މާނައަކީ އިތުރު ތުއްތު ފުރާނަތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

އަންވަރު މިވާހަކަ ދެއްކެވިއިރު ސަމިޓުގައި ބައިވެރިވަޑައިގެން އިންނެވި، އެމެރިކާގެ ރައީސް ޖޯބައިޑަން އާއި އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަރަށް ކަނުލައި އަޑުއައްސަވަން އިންްނެވިކަން ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.

އަޅުގަނޑުގެ ރާޑަރަށް އަންވަރު އެރީ އަޅުގަނޑު ކިޔަވަން މެލޭޝިޔާއަށް ފޭބި ހިސާބުންނެވެ. އޭރު އަޅުގަނޑު އަންހެނުން ބަނޑަށް 6 މަހެވެ.

އެދުވަސްވަރު، އަންވަރު ސަރުކާރުން ވަކިކުރައްވާގެން މުޒާހަރާތަކެއް ހިނގަނީއެވެ. އަދި ކޯޓުގައި އަންވަރުގެ މައްސަލައެއް ހިންގަން ފެށީ އެދުވަސްވަރުއެވެ. އަންވަރު ބޮޑުވަޒީރަކަށް ވުމުގެ ފުރުޞަތު އޮތީ ކިހާވަރަށް ބާވައޭ، އަޅުގަނޑު ހިތަށްއެރިއެވެ. އަޅުގަނޑުގެ މެލޭ ރަހްމަތްތެރިން ދެކުނުގޮތުގައި އަންވަރުގެ ސިޔާސީ ހަޔާތް ނިމުނީއެވެ. އަދި އަންވަރު ބޮޑުވަޒީރަކަށް ވަންދެން ވެސް އަޅުގަނޑުގެ ރަހްމަތްތެރީން ޤަބޫލުކުރީ މިގޮތަށެވެ.

އަންވަރުގެ ސިޔާސީ ހަޔާތް ފެށިގެން އަންނަނީ އަމިއްލަފުޅަށް އުފެއްދި ޖަމިއްޔާއަކުންނެވެ. ޒުވާނުންގެ އިސްލާމީ ޖަމިއްޔާއެއްގެ ޒުވާން ލީޑަރެއްގެ ގޮތުންނެވެ. މީހުންނަށް ޤަބޫލުކުރެވިފައިއޮތީ މުޅި ހަޔާތް ދާނީ އިދިކޮޅުގައި ހުންނަވައިގެން ކަމަށެވެ. ނަމަވެސް ޑރ. މަހާތީރު މުހައްމަދު ވެރިކަމަށް ވަޑައިގެން އަންވަރުއަށް ސަރުކާރާ ގުޅުމަށް ދައުވަތު ދެއްވިއެވެ.

އަންވަރު ސަރުކާރާއި ގުޅިވަޑައިގަތީ 1982ގަ އެވެ. އަދި ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވެރިކަން ކުރާ އަމްނޯގެ ޕާޓީއާ ސަރުކާރުގެ އެކި މަޤާމުތަކުން ޖާގަ ހޯދަވަމުން ކުރިއަށް ވަޑަައިގަތެވެ. ޑރ. މަހާތީރުގެ ނައިބެއް ގޮތުގައި ހަމަޖެހިގެން ދިޔައީ 1993 ގައެވެ.

އަންވަރާއި މަހާތީރުގެ ގުޅުން ފިތުނަވެގެން ދިޔައީ ޤައުމަށް ކުރިމަތިވި މާލީ ކާރީސާގެ ދުވަސްވަރު، މަހާތީރު ވެރިކަމުން ދުރުކުރުމަށް އަންވަރު މަސައްކަތް ކުރަނީ ކަމަށް ތުހުމަތުކޮށެެވެ. އެކި ތުހުމަތުތަށް އަންވަރުގެ ކޮޑުފުޅުގައި އަޅުވައި އެންމެފަހުން ޖަލަށް ހުކުމުކުރެވުނެވެ.

އަންވަރުގެ ހަޔާތުގައި ދެފަހަރަކު ވަނީ ދިގު ޖަލު ހުކުންތަކެއް ތަންފީޒު ކުރައްވާފައެވެ. އެއީ 1999 އިން 2004 އަކަށެވެ. އަޅުގަނޑު ކިޔަވަން މެލޭޝިއާގައި ހުރި ދުވަސްވަރު އަންވަރު ހުންނެވީ ޖަލުގައެވެ. އަދި 2014 އިން 2018 ވެސް އަންވަރު ޖަލަށް ވަޑައިގެންނަވަން ޖެހުނެވެ. ދެވަނަ ފަހަރު އަންވަރު ޖަލުގެ ހުކުން ތަންފީޒުކުރައްވަމުން ދިޔަ ދުވަސްވަރު އަޅުގަނޑު ދަރިފުޅު ކިޔަވަން ބަހައްޓަން މެލޭޝިއާއަށް ދިޔައީމެވެ.

އަޅުގަނޑަށް އަންވަރު ސިފަ ކުރެވެނީ ސިޔާސީ ކުށްވެރިއަކުން ސިޔާސީ ބާރު ހޯއްދެވި ކުޅާދާނަ ހިކްމަތްތެރި ކެއްތެރި ލީޑަރެއް ގޮތަށެވެ. އަޅުގަނޑު އަންވަރު ހިމަނާލާނީ އިންޑިއާގެ ޖަވާހަރު ލާލް ނެހުރޫ، ސައުތު އެފްރިކާގެ ނެލްސަން މެންޑޭލާ އާއި މިޔަންމާގެ އަނގްސަން ސޫޗީ ފަދަ ލީޑަރުންގެ ސަފުގައެވެ.

ޤަބޫލުކުރަން އުނދަގޫ، ނަމަވެސް 2018ގެ މޭލޭޝިއާގެ އާންމު އިންތިހާބުގައި މަހާތީރާއި އަންވަރާއި ދެބޭފުޅުން މަސައްކަތްކުރީ އެކުގައެވެ. އަދި މެލޭޝިއާ މިނިވަންވީސުރެން ވެރިކަން ކުރަމުން އަންނަ މެލޭ މީހުންގެ އަމްނޯ ޕާޓީ ބޮޑު އަގްލަބިއްޔަތަކުން ބަލިކުރީ ސިޔާސީ ދެ ހަތުރުން އެކުގައި ކުރި މަސައްކަތުންނެވެ. ނަމަވެސް މަހާތީރަށް ބޮޑުވަޒީރުކަން ލިބުމުން ވެރިކަން ހިއްސާކުރަންވެެފައިވާ އެއްބަސްވުން ނަގަހައްޓަން ދެކޮޅުހެއްދެވިއެވެ.

އަންވަރުގެ ތާއީދު އަނބުރާ ގެންދިއުމުން މަހާތީރުގެ ވެރިކަން ވެއްޓިގެން ދިޔައެވެ.

އާންމު އިންތިހާބުގައި މޭލޭޝިޔާ ރައްޔިތުން ނޫނެކޭ ބުނެފައިވާ، އަމްނޯ ޕާރޓީ އަނެއްކާ ވެސް ކޯލިޝަންއަކުން ސަރުކާރަށް އަތުވެއްޖެއެވެ. އަދި ވަރަށް އަވަސް އަވަހަށް ބޮޑުވަޒީރުން ބަދަލުވަމުން ގޮސް، އެންމެފަހުން އަމްނޯގެ ބޮޑުވަޒީރުކަމާ ވެސް ސަރުކާރާ ހަވާލުވެއްޖެއެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ އަގްލަބިއްޔަތު ނެތް ޕާޓީއަކަށް ވެސް ވެރިކަމަށް އައުމުގެ ފުރުޞަތު އޮވެއެވެ.

ދެން ކުރިމަތިވި އާންމު އިންތިހާބުގައި އެންމެން ހައިރާކުރުވާފައި އަންވާރާއެކު ބައިވެރިވި ކޯލިޝަން ޕާޓީތައް އިންތިހާބު ކާމިޔާބުކުރިއެވެ. އުފެދުނު ސަރުކާރުގެ ބޮޑުވަޒީރަކީ އަންވަރެވެ. ވަރަށް ދިގު އިންތިޒާރަކަށްފަހު އަންވަރުގެ ލީޑަޝިޕްގައި އަމިއްލަފުޅު ޕާޓީ ސަރުކާރެއް އުފެއްދުމުގެ ފުރުޞަތު ހޯއްދެވިއެވެ.

އެޕާޓިއެއްގައި އަންވަރު ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި އަދި އެ ޕާޓިގެ ވެރިކަމުގައި އަންވަރު 9 އަހަރު، ޖަލުގައި ހޭދަކުރަން ޖެހުނު އަމްނޯ ޕާޓީ އެންމެފަހުންވީ އަންވަރުގެ ކޯލިޝަން ބައިވެރިއަކަށެވެ.

ގިނަ ފަރާތްތަކަށް ހީކުރެވިފައި އޮތީ އަންވަރުގެ ސަރުކާރު ދާދީ އަވަހަށް ވެއްޓޭނެ ކަމަށެވެ. އަދި ބޮޑުވަޒީރުކަމުގައި ހުންނެވޭނީ ކުޑަ ދުވަސްކޮޅަކު ކަމަށެވެ. މިމަހު މިދަނީ އަހަރު ކިޔާށެވެ. އަންވަރުގެ ކޯލިޝަން އޮތީ ބަދަހިކޮށެވެ. އެހެންނަމަވެސް އަންވަރު ސަރުކާރު ހިފެއްޓުމަށް، މެލޭ ދަރިކޮޅުގެ ވޯޓާއި ތާއީދު ވަރަށް މުހިންމުވެއެވެ.

މޭލޭޝިއާއަށް މިނިވަންކަން ލިބުނު އިރު މޭލޭ ދަރިކޮޅުގެ އާބާދީ އޮތީ 50 ޕަސެންޓް ގައެވެ. ޗައިނާ ދަރިކޮޅު އޮތީ 37 ޕަސެންޓް ގައެވެ. އެކަމު މިހާރަށް ބަލާއިރު މެލޭ ދަރިކޮޅުގެ އަބާދީ 70 ޕަސެންޓަށް އިތުރު ވެއްޖެއެވެ. ޗައިނާ ދަރިކޮޅުގެ އާބާދީ 23 ޕަސެންޓް އަށް ކުޑަވެއްޖެއެވެ.

އަންވަރުގެ ކޯލިޝަންގައި މޭލޭގެ އަމްނޯ ޕާޓީ އޮތްކަމުގައި ވިޔަސް، ކުރީގައި އެޕާޓީއަށް އޮތް ތާއީދެއް މިހާރަކު ނެތެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެޕާޓީ ވަނީ ކޮރަޕްޝަންގެ ސަބަބުން މަޤުބޫލުކަން ކުޑަވެފައެވެ. އެޕާޓީގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިހާރު ވެސް 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނީއެވެ.

އަންވަރުގެ ސަރުކާރަށް އެއް އަހަރު ފުރިހަމަ ކުރާއިރު ކުރިމަތި ވަނީ ސްޓޭޓުތަކުގެ އިންތިހާބެވެ. މިވޭތުވެ ދިޔަ އެއް އަހަރުގެ ވެރިކަން ހިންގިގޮތަށް ބަލާއިރު ސާފު ރަނގަޅު ވެރިކަމެއް ކޮށްފައިވާ ކަމަށް ގިނަ ރައްޔިތުން ދެކެއެވެ. އެހެން ކަމުން އަންވަރުގެ ޕާޓީއަށް ސްޓޭޓް އިންތިހާބުގައި ކާމިޔާބުތަކެއް ހޯދިދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

އެކަމަކު އަންވަރުގެ މަޤްބޫލުކަން މިހާރު އަންނަނީ ކުޑަވަމުންނެވެ. އެއީ އިންފްލޭޝަނާއި މުސާރާގެ ކުރިއެރުންތައް ފެންނަމުން ނުދާތީއެވެ.

އަންވަރުގެ ވިސްނުން ހުންނަނީ މޭލޭޝިއާގެ ހުރިހާ ދަރިކޮޅަކަށް ވެސް ހަމަހަމަ އެއް ސިޔާސަތުތަކެއް ހިންގާށެވެ. މިއަންނަ އަހަރު ޖެނުއަރީގައި މެލޭޝިއާގެ ރަސްކަން ބަދަލުވާނެއެވެ. ރަސްކަމުގެ ތަހުތު މިފަހަރު ލިބިވަޑައިގެންނަވާ ރަސްގެފާނަކީ ވެސް އަންވަރުގެ ސިޔާސަތާ އެއްފިކުރެއް ގެންގުޅުއްވާ ރަސްކަލެކެވެ.

އެހެން ކަމުން ލަފާކުރެވެނީ އަންވަރުގެ ބޮޑުވަޒީރުކަން އިތުރަށް ހަރުދާނާވުމުގެ މަގު ފުޅާވެގެން ދާނެ ހެޔޮފާލެއްކަމުގައި މިކަން ވެގެން ހިނގައިދާނެ ކަމަށެވެ.

ބޭރުގެ އިންވެސްޓްމަންޓް މެލޭޝިއާއަށް ގެނެސްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް އަންވަރު ވަނީ ހޯދައިފައެވެ. އަންވަރު ވަނީ ސީދާ އެލަން މޮސްކާއި ވާހަކަދައްކައިގެން މެލޭޝިއާ ޑާޓާ ހަބަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައެވެ. އަންވަރު ވިދާޅުވަނީ އިންވެސްޓަރުންގެ މަންޒިލަކަށް މެލޭޝިއާ ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.

އަންވަރުގެ މަސައްކަތުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ. މިއަހަރު މެލޭޝިއާގެ އިގްތިޞާދު 3.9 ޕަސެންޓް ކުރިއަރާނެއެވެ. އަދި މިއަންނަ އަހަރު 4.3 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ވޯލްޑު ބޭންކުން ލަފާކޮށްފައެވެ. މިއީ އާސިއާން ގައުމުތަކުގެ ތެރޭން އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ގައުމެވެ. ނިމިދިޔަ އަމްނޯގެ ވެރިކަމުގައި ކުރިއެރުން ނުލިބޭފަދަ ކުރިއެރުމެއް އަނވަރުގެ ބޮޑު ވަޒީރުކަމުގައި މިވަނީ ހޯދައިފައެވެ.

އަދި އަންވަރުގެ ވެރިކަމުގައި މިވަނީ އެ ގައުމަށް ހަމަޖެހުން ގެނެސްދީފައެވެ. ސަރަހައްދުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އަވަށްޓެރި ގައުމުތަކުގެ ހަމަޖެހުމުގެ ވެސް މައްޗަށެވެ. މިވަގުތު ތައިލެންޑުގައި ހިނގާ ސިޔާސީ ކޯޅުމާއި މިޔަންމާގައި ހިނގަމުންދާ މަދަނީ ހަމަނުހުމުގެ ސަބަބުން ސަރަހައްދުގެ ކުރިއެރުމަށް ހުރަސްތަކެއް އެބަހުއްޓެވެ. އަންވަރުގެ ބޮޑުވަޒީރުކަމުގައި މެލޭޝިއާގެ ސިޔާސީ ހަމަޖެހުން ގެނެސްދީ އިޤްތިޞާދީ ކުރިއެރުން ހޯދަމުން ގެންދާކަމީ އާސިއާން ސަރަހައްދަށް މިވަގުތު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާއިރު އުމުރުން ދޮށީވުމާއި ފުރައްސާރައާއި ކުރިމަތިވުމާއި، ހައްޔަރުގައި ހުންނަޖެހުމަކީ ވެރިކަމަށް ނާދެވޭނެ ހުރަސްތަކެއް ނޫނެވެ. ތިމާއަށް ތާއީދުކުރާ ފަރާތްތަށް އެކުލާވާލައިގެން ހިފެއްޓޭނެ ހިކުމަތްތެރިކަން ބޭނުންކުރަން ދަންނަނީނަމަ މަގްސަދު ހާޞިލު ކުރެވޭނެއެވެ.

އެޑިޓަރުގެ ނޯޓް: އަލީ ޚާލިދަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. މީގެ އިތުރުން މިފްކޯގައި އިސް މަގާމެއް އަދާކުރި އަލީ ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމާއި ގުޅިގެން އަލަށް މާކެޓަށް ނުކުތް ވަތަނިއްޔާގެ ސްލޭސް ޑިޕާޓްމަންޓް ގާއިމުކުރުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭނާ މަތީ ތައުލީމް ހާސިލުކުރީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލި އާއި މެލޭޝިއާ އިންނެވެ.