އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަރުހަލާ ފުރިހަމަނުކޮށް ރ. މުރަވަންދޫގައ ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމުން އެ ރިސޯޓު ހިންގާ ކުންފުނި ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖޯލި ރިސޯޓުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ އެ އެޖެންސީން ބަލާފައިވާ ކަމަށެވެ. އަދި އެމައްސަލަ ބެލިބެލުމުން ޖޯލި ރިސޯޓުގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފަށާފައިވަނީ އީއައިއޭ މަރުހަލާ ފުރިހަމަނުކޮށްކަން ޔަގީންކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

އެހެންވެ އަލީ ބޭ މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑް މި މަހުގެ 22 ވަނަ ދުވަހު 20،000 ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ކުންފުނި ޖޫރިމަނާ ކުރީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

ޖޯލި މުރަވަންދޫގައި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށް ފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.