ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އެމްޑީޕީގެ 49 މެންބަރުންނާއި މިނިވަން މެމްބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ ސޮއިކުރައްވައި ހުށަހެޅި އެ މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ގަ އެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނޯޓިސް ފޮނުވާތާ 14 ދުވަހަށް ފަހު އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދަން ޖެހެ އެވެ.
މިއީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ.
ފުރަތަމަ ފަހަރު އެ މައްސަލަ މަޖިލިހަށް ވެއްދީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. ނަމަވެސް ފުރަތަމަ ބުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ އެކުގައި އީވާ އާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ވެސް އަނބުރާ ނެގި އެވެ.
އީވާ ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.
އީވާ މަޖިލީހަށް އިންތިހާބުކުރީ އެމްޑީޕީ މެންބަރެއް ގޮތުގައި ކަމަށް ވިޔަސް އެ ޕާޓީން ވަކިވުމާ އެކު، އެ އެމްޑީޕީއާ އެކު، ހަދާފައިވާ ކެންޑިޑޭޓުންގެ އިގުރާރާ ވެސް އީވާ ހިލާފުވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މިހާރު ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅި އިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަނީ އަމިއްލަ އިސްތިއުފާ ދެއްވައިފަ އެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެ މައްސަލާގައި އެޖެންޑާކުރި ޖަލްސާތައް ނުބޭއްވި މަޖިލީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މިހާރު އައްޔަކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.