ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޕްލެޓްފޯމެއް ފަރަށް އެރި މައްސަލާގައި އެފްކޮންސް އިން އެންވަޔަރަމަންޓް މިނިސްޓްރީ އަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ އިރުމަތީ ފަރާތު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރު ލައްކަ އެގާރަ ހާސް އަށްސަތޭކަ) ރުފިޔާ އިން އެފްކޮންސް ޖޫރިމަނާ ކުރަން ކޮށްފަ އެވެ.
ޖޫރިމަނާ ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެފްކޮންސްގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ މި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެކަށީގެންވާ ސަބަބެއް އެފްކޮންސް އަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންވެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އޭގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރާނެ ކަމަށް އެފްކޮންސް އިން ބުނެފައިވީ ނަމަވެސް އެކަން ސާފު ކޮށްދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ޕްލެޓްފޯމެއް ފަރަށް އެރި މައްސަލާގައި އެފްކޮންސް އިން އެންވަޔަރަމަންޓް މިނިސްޓްރީ އަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ މާފް ނުކުރާނެ ކަމަށް މިދިޔަ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަނީ ވިދާޅުވެފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވެފައި ވަނީ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ ޓަގުބޯޓު ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުން ސާވޭކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން 13 ނޮވެންބަރު 2022 ގައި ކޮށްފައިވާ ޖޫރިމަނާ އަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު ނަގަންޖެހޭ ކޮންޓްރޯލް މެޝާސްތަކާ އެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓެރެކްޓަރަށް އޮތް ކަމަށާއި އެހެންކަމުން، މި މައްސަލާގައި އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ ޖުރިމާނާ މުރާޖަޢާކޮށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.