ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.8 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލާފައިވާ ކަމަށެވެ. އޭގެތެރޭގައި 29 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީބިލާއި 97 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 230 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
އަދި 182 ދުވަހުން އަނބުރާ ދެއްކުމަށް 80 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 686 މިލިއަން ރުފިޔާގެ ޓީބިލު ވިއްކުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވިއްކަން އިއުލާން ކޮށްފައިވާ ޓީބިލްގެ އިންޓްރެސްޓް ރޭޓަކީ 3.50 ޕަސެންޓާއި 4.60 ޕަސެންޓެވެ.
ޓީ-ބިލްއަކީ ގަވަރްމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވެސް ޓީބިލް ވިއްކަން އިއުލާން ކުރިއެވެ. އޭރު އިއުލާން ކޮށްފައި ވަނީ ފަސް ބިލިއަން ރުފިޔާގެ ޓީބިލެވެ.