އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ހުރަސް އެޅޭގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އޮތް މާއްދާއެއް މިއަދު ސުޕްރީމް ކޯޓުން ބާތިލް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރެވެ.

ސުޕްރީމް ކޯޓުން އެމާއްދާ ބާތިލުކޮށްފައި ވަނީ، މީގެ 10 އަހަރު ކުރިން، 2012 ވަނަ އަހަރު ވެސްޓް ޕާކް ރެސްޓޯރަންޓް ކައިރީގައި އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ޝައިފަން މަރަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމުގަ އެވެ.

ޝައިފަންގެ މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ގިސޯސް ހިފުމަކީ ސީދާ ކީރިތި ގުރުއާނުން ބަޔާންވެގެން އައިސްފައިވާ އުގޫބާތެއް ކަމަށެވެ. އަދި، އިސްލާމީ ޝަރީއާގެ އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށް އެ ހުކުމްގައިވެއެވެ.

ހުސްނުއްސުއޫދު ވިދާޅުވީ އެ މާއްދާގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ. އެހެންވެ އެ މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލްކުރުން މުސްތަހިއްލު ޝަރުތެއް ކޯޓަށް މަތިކޮށް ގިސާސް ހިފުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް އަދި ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލް އެއްޗަކަށް ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ކުޑަ ކަމެއް އުނިވެގެން މުޅި ހެކިބަސް ނަފީ ނުކުރެވޭ ކަމަށާއި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށެއް ސާބިތު ނުވާންވީ ސަބަބެއް ވެސް ނޫން ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އިސްލާމީ ޝަރީއާގެ މަފުހޫމުން ގަސްދު މަރު ސާބިތު ކުރަން ބޭނުންވާ މިންވަރަކީ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަމަށް އިލްމްވެރީންގެ މެދުގައި ހިލާފެއް ނެތް ކަމަށެވެ.

ސުއޫދު ވިދާޅުވީ ގާނޫނުލްއުގޫބާތުގެ އެ މާއްދާ އޮތްގޮތުން މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީންކުރެވޭ މިންވަރަށް ސާބިތުކޮށްދޭންވާނެ ކަމަށެވެ.

މަރުގެ އަދަބު ދޭން ޖެހޭ ހާލަތްތަކުގައި މިމާއްދާއިން އިތުރު ޝަރުތުތަކެއް ކަނޑަޅާ މަރުގެ އަދަބު ނުދެވޭ ގޮތަށް އަދި އަމަލީ ގޮތުން އެކަން ނުކުރެވޭނެ ގޮތަށް އެމާއްދާ މާނަ ކުރެވޭ ކަމަށެވެ.

އެހެންވެ އެ މާއްދާ އުވާލަން ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއިދު ކުރެއްވި އެވެ.

ހުސްނުއްސުއޫދުގެ މިރައުޔާ ހިޔާލު ތަފާތުވީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެވެ.

ގާނޫނުލް އުގޫބާތުގެ 1204 ގެ (ނ) ގެ ދެވަނަ ނަމްބަރުގައި ބުނެފައިވަނީ "ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާ އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، އެ މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީކަމަކަށް ނުބެލެވޭނެއެވެ."