ސަލްމާން ހާން ހޯސްޓްކުރާ "ބިގް ބޮސް" އަކީ އިންޑިއާގެ މިހާރު އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ އެވެ. "ބިގްބޮސް"ގެ 17 ވަނަ ސީޒަން ކަލާޒް ޓީވީއިން މިހާރު ދައްކަމުން އަންނައިރު ކޮންމެ ދުވަހު ބިގްބޮސް ގެއިން ގިނަ ޑްރާމާތަކެއް ފެނިގެންދެ އެވެ. މިފަހަރުގެ ސީޒަންގައި ބިގްބޮސް ގެއިން އަމިއްލައަށް ނިކުތުމަށް ގިނަ ބައިވެރިންތަކެއް އެދެމުން އަންނަކަންވެސް ފާހަގަ ކޮށްލެވެ އެވެ.

ބައިވެރިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ރުޅިވެރިކަންވެސް ޝޯގެ ތެރެއިން ފެނިގެންދާއިރު މިފަހަރު ޝޯގައި ފާހަގަކޮށްލެވޭ ބައިވެރިންގެ ތެރޭގައި "ލޮކް އަޕް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި މުނައްވަރު ފާރޫގީ އާއި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ޕަރިނީތީ ޗޯޕްރާގެ ބައްޕަ ފަރާތު ކަޒިން މަންނަރާ ޗޯޕްރާ ފާހަގަ ކޮށްލެވެ އެވެ. އަދި މި ދެމީހުން މެދުގައި އޮންނަ އެކުވެރިކަންވެސް ބެލުންތެރިން ވަނީ ބަލައިގެންފަ އެވެ.

އެހެން ނަމަވެސް މުނައްވަރު އާއި މިޝޯގައި ބައިވެރިވާ ޓީވީ ތަރި އަބީޝޭކް ކުމާރު ދެމެދުގައި އޮންނަ އެކުވެރިކަމަށް މަންނާރާގެ ސަބަބުން މިވަނީ ބުރޫ އަރާފަ އެވެ. މުނައްވަރާއި އަބީޝޭކް އާ ދެމެދު ދެބަސްވުންތަކެއް އުފެދިގެންދެ އެވެ.

މިފަހަރުގެ ސީޒަން އެހެން އަހަރުތަކާއި ހިލާފަށް ކުރިއަށް ގެންދާއިރު "ބިގްބޮސް"ވެސް ބައިވެރިންނަށް ކުރިއަށްދާވީ ގޮތުގެ ހިޔާލާއި މަޝްވަރާދެ އެވެ. އަދި މިފަހަރުގެ ސީޒަންގައި ބިގްބޮސްގެ ފެވަރިޓް ބައިވެރިންނާއި ފެވަރިޓް ނޫން ބައިވެރިންވެސް ބިގްބޮސް ހޮވަ އެވެ.

މިފަހަރުގެ ސީޒަން އެހެން ފަހަރުތަކާއި ހިލާފަށް ތިން ގެޔަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިންގެ މެދުގައި ވާދަވެރިކަން ވަނީ އިތުރުވެފަ އެވެ.

މުނައްވަރާއި އަބީޝޭކް އަދި މަންނާރާ އިތުރުން މިފަހަރުގެ ސީޒަންގައި މިހާރު ގޭގައި ތިބި ބައިވެރިންނަކީ އަންކިތާ އާއި އޭނާގެ ފިރިމީހާ ވިކީ ޖެއިން އަދި ނީލް އާއި އައިޝްވާރިޔާ ހިމެނެ އެވެ. މީގެ އިތުރުން އަނޫރާގު ދޯބަލް، ސަނާ ރައީސް ހާން، ފިރޯޒާ ހާން، ސަނީ އާރްޔާ، ރިންކޫ ދާވަން، އަރުން ސްރީކާންތު މަހާޝެޓީ، އަބީޝޭކް ކުމާރު އަދި އިޝާ މަލްވިޔާ އަދި ޝަމަރު އެވެ.