ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމުގެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ އެމްޑީޕީގެ 49 މެމްބަރަކާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮޔާއެކުގަ އެވެ. އެ ގަރާރު މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވަވައި ދެއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ. އެ ގަރާރަށް އީވާ ވަރަށް ގިނަ އިރު ވާހަކަ ވެސް ދެއްކެވި އެވެ.

އެއަށް ފަހު، އީވާގެ ވާހަކަ ނިންމަވާލައްވަމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަމުގެ ސިޓީ ހަވާލު ކުރަން ބޭނުންވާ ކަން އިއުލާން ކުރެއްވެވި އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އޭނާ ވަނީ އިސްތިއުފާގެ ސިޓީ މަޖިލިހުގެ އިދާރީ މޭޒާ ހަވާލުކޮށްފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެކަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް އަންގަވާ ކަމަށެވެ.

އެއާއެކު، އެމްޑީޕީގެ މެމްބަރު ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ މަޖިލިހަށް ކަމެއް ހުށަހެޅިއްޖެ ނަމަ، އެކަމާ މެދުގައި ގޮތެއް ނިންމަން ޖެހޭނީ މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަކަށް ގޮސްގެން ކަމަށާއި އީވާ އިސްތިއުފާ ދެއްވާ ހިސާބުން އެ މައްސަލަ ކުރިއަށް ނުގެންގޮސް ނިންމާލަން ނުޖެހޭ ކަމަށެވެ.

އެކަމަކު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަސްލަމް ވިދާޅުވީ މެމްބަރުން ފާހަގަ ކުރައްވާ މާއްދާއެއް މަޖިލިހުގެ ގަވައިދުގައި ނެތް ކަމަށެވެ. އަދި މަޖިލިހުގެ ގަވައިދުގައި އެފަދަ މާއްދާއެއް އޮތް ނަމަ، އެ މާއްދާއެއް ރިޔާސަތުގެ ސަމާލުކަމަށް ގެންނެވުމަށް އެދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަޖިލިހުގެ ގަވައިދު ބަޔާންކުރާ ގޮތުން އިސްތިއުފާގެ ސިޓީއެއް މަޖިލިހުގެ ރައީސަށް ލިބުމުން އެ އިސްތިއުފާ ދެވުނީ. އިސްތިއުފާ ދިނުމަށް ފަހު ދެން އެ އިސްތިއުފާ އާ ގުޅޭ މައްސަލައެއް ކުރިއަށް ގެންދެވިދާނެ ކަމަކަށް ފެންނަން ނެތް ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

މިއީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ.

ފުރަތަމަ ފަހަރު އެ މައްސަލަ މަޖިލިހަށް ވެއްދީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. ނަމަވެސް ފުރަތަމަ ބުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ އެކުގައި އީވާ އާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ވެސް އަނބުރާ ނެގި އެވެ.

އީވާ ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.

އީވާ މަޖިލީހަށް އިންތިހާބުކުރީ އެމްޑީޕީ މެންބަރެއް ގޮތުގައި ކަމަށް ވިޔަސް އެ ޕާޓީން ވަކިވުމާ އެކު، އެ އެމްޑީޕީއާ އެކު، ހަދާފައިވާ ކެންޑިޑޭޓުންގެ އިގުރާރާ ވެސް އީވާ ހިލާފުވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މިހާރު ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ އީވާ މަޖިލިހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި އިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވެސް ވަނީ އަމިއްލަ އިސްތިއުފާ ދެއްވައިފަ އެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެ މައްސަލާގައި އެޖެންޑާކުރި ޖަލްސާތައް ނުބޭއްވި މަޖިލީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައި ވަނިކޮށެވެ.