ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންނަށް ވަކި ވަކިން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބަލާފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ދެ ބޭފުޅުން ވެސް ވަޒީރުކަމާ ހަވާލުވުމުގެ ކުރިން ބޭރު ގައުމުގައި އޮތް ރައްޔިތުކަން ދޫކޮށްލާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ހުރިހާ ބޭފުޅުން ވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާ ކަމަށެވެ. އެހެންކަމުން ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ކޮންމެ ވަޒީރަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށް ޝިފާއު ހުށަހެޅުއްވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ޝިފާއުގެ ހުށަހެޅުން ފާސްކޮށްފަ އެވެ.

ޑރ. މުއިއްޒުގެ ވަޒިރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 22 ވަޒީރުންނެވެ.

ރައީސް މުއިއްޒު އެކުލަވާލި މި ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއިން ދަނީ މަޝްވަރާކުރަމުންނެވެ. އެ ޕާޓީއަށް މަޖިލީހުގެ 56 މެންބަރުންގެ މެޖޯރިޓީއެއް އޮވެ އެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ވެސް ވަނީ ގޮވާލައިފަ އެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، މަޖިލީހުގެ ދައުރު ވަނީ މި މަހުގެ 18 އަށް އިތުރުކޮށްފަ އެވެ. އެހެންކަމުން، މި ހަފްތާގެ ތެރޭގައި ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.