މިދިޔަ ސެޕްޓެމްބަރު މަހު ކައިވެނިކުރި ބޮލީވުޑްގެ އެކްޓްރެސް ޕަރިނީތީ ޗޯޕްރާއާއި އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ރާގަވް ޗައްދާއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދެމީހުންނެވެ.

ކައިވެންޏަށްފަހު އެދެމީހުން ވެސް ކައިވެނީގެ ތަޖުރިބާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން އަންނައިރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕަރިނީތީ ވަނީ ކައިވެންޏާ ބެހޭ ގޮތުން އިތުރަށް ވާހަަކަ ދައްކާފަ އެވެ.

ޕަރިނީތީ ބުނީ ރަނގަޅު މީހަކާއެކު ކުރެވިއްޖެނަމަ ކައިވެންޏަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި އެކަމުން ދިރިއުޅުން ފުރިހަމަ ކޮށްދޭ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ފިރިމީހާ ފަދައިން ސިޔާސީ ދާއިރާއިން ފެނިދާނެތޯ ސުވާލު ކުރުމުން ޕަރިނީތީ ބުނީ އެދެމީހުންގެ ކައިވެނީގެ އެންމެ ރަނގަޅު ކަމަކީ ދެމީހުންނަށް ވެސް އެކަކު އަނެކަކު ކުރާ މަސައްކަތުގެ ޒައްރެއްގެ މިންވަރުވެސް ނޭނގުން ކަމަށެވެ.

އެހެން ކަމުން އެއްވެސް ހާލެއްގައި ޕަރިނީތީ ސިޔާސީ ދާއިރާއިން ނުފެންނާނެ ކަމުގެ އިޝާރާތެއް އޭނާ މިވަނީ ދީފަ އެވެ. ޕަރިނީތީ ބުނީ އޭނާއަކީ އެކްޓަރެއް ކަމަށާއި އޭނާއަށް ކުރަން އެނގެނީ ވެސް އެކަން އެކަނި ކަމަށެވެ.

ޕަރިނީތީގެ ފިރިމީހާ ރާގަވްއަކީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ އާއްމު އާދްމީ ޕާޓީގެ މަޖިލިސް މެމްބަރެކެވެ. އޭނާއަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޅުގައި ތައުރީފާއި ސަނާ ކިޔާ މީހެކެވެ.