ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފްގެ ކައިވެންޏަކީ ބޮލީވުޑްގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ހައިރާން ކުރުވި ކައިވެންޏެކެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްްޓްރެސް އެ ދާއިރާއަށް އަލަށް ނުކުތް ފަންނާނަކާ ކައިވެނި ކުރުމުން ގިނަ މީހުން ސުވާލުވެސް ކުރި އެވެ.

އެހެން ނަމަވެސް އެ ކައިވެންޏަށް ދެ އަހަރު ވެގެންދިޔައިރު ވިކީއާއި ކެޓްރީނާއަކީ ބޮލީވުޑްގައި މިހާރު ނަންކިޔާ ޖޯޑުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޖޯޑުގެ ގޮތުގައި ސިފަކުރާ މީހުން ވެސް މަދެއް ނޫނެވެ.

ސަބަބުތައް ބައިވަރެވެ. އެންމެ ފުރަތަމަ ކަމަކަށް އެ ދެމީހުންގެ އާއިލާއާއި އުޅެ ބޮޑުވި ގޮތެވެ. ކެޓްރީނާއަކީ އިނގިރޭސި ވިލާތަށް އުފަން އިނގިރޭސި ރައްޔިތަކަށް ވާއިރު ވިކީއަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މީހެކެވެ. ދެމީހުންގެ ސަގާފަތާއި އާދަކާދަތައް ހާސްބައި ތަފާތެވެ.

ދެން އޮތީ ބޮލީވުޑްގައި ދެ މީހުންގެ ކާމިޔާބީ އެވެ. ކެޓްރީނާއަކީ ބޮލީވުޑްގައި ނަންކިޔާ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރިއަކަށްވާއިރު އެ ދެމީހުން ކައިވެނިކުރިއިރު ވިކީއަކީ އެ ދާއިރާއަށް މުޅިން އާ މޫނެކެވެ. ލިބޭ ފުރުސަތުތަކާއި އާމްދަނީ ވެސް ތަފާތެވެ.

ކައިވެންޏަށް ވީ ދެ އަހަރުގެ ތެރޭގައި އެ ދެމީހުން ވަނީ އެމީހުންގެ ގުޅުމާ މެދު ސުވާލު އުފެއްދި މީހުންގެ އަނގަ ބަންދު ކޮށްލާފައި ކަމަށް ބުނެވިދާނެ އެވެ.

މިއަދު ވިކީއާއި ކެޓްރީނާއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޖޯޑުގެ ގޮތުގައި މީހުން ސިފަކުރަނީ މި ތަފާތު ތަކާއެކު ވެސް އެ ދެމީހުންގެ ކައިވެނީގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާތީ އެވެ.