ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެއްޓާ ގުޅޭ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައިވާ ކަމަށް ނައިބު ރައިސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒާލެންޑްގެ ޖެނީވާގައި ކުރިޔަށްދާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗާ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެޑެޕްޓޭޝަން އޮފް އިކޮނޮމިކް މޮޑެލްސް އެންޑް ރިސޯސް މޮބިލައިޒޭޝަން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިހުރުމުގެ ހައްގަށް ހުރަސްއެޅިގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ ކާރިސާތަކުގެ މައްސަލަތަކަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކާއި ގުޅިފައިވާ މިންވަރު ނޭނގޭ މީހުން ނިސްބަތުން ގިނަކަމީ ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ހެކިތަކުގެ ބޭނުން ހިފައިގެން މިފަރަގު ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި މާލީ ނިންމުންތައް ނިންމާއިރު އިންސާނީ ހައްގުތަކުގެ މައްސަލަތައް އޭގެ ތެރޭގައި ހިމެނުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުމުގެ ބޭނުންތެރިކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިގްތިސާދީ އަދި ވިޔަފާރީގެ މޮޑެލްތައް އެއްގޮތްކުރުމަށްޓަކައި އެކަމުގައި ތަފާތު އެކިބައިތައް އެކުލެވޭ ރޭވުންތައް ހިމަނަންޖެހޭކަމަށާއި އޭގެ ތެރޭގައި އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި އާދަކާދައަށް ބަދަލުގެނައުމާއި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިޔަފާރިތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ތިމާވެއްޓާއި ރަހުމަތްތެރިގޮތްތައް ބޭނުންކުރަން ފަށާފައިވާކަމީ މިކަމާމެދު އާންމު ވިސްނުން ބަދަލުވާން ފަށާފައިވާ ނިޝާނެއްކަން ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވަނީ ގާނޫނީ އޮނިގަނޑުތަކާއި، އިޖުރާއަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތިމާވެށީގެ ގޮތުން ދުޅަހެޔޮ މާޙައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަން ރާއްޖެއިން ގަބޫލުކުރާކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މަލްޓިލޭޓަރަލް އެއްބާރުލުން ކޮންމެހެން ބޭނުންވާކަމުގައި ވިދާޅުވެފަ އެވެ. އަދި ވެށްޓާއި ރަހުމަތްތެރިގޮތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަރުވަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ވަށްމޭޒު ބައްދަލުވުމަކީ އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަތީ ފަންތީގެ ހަތަރު ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން އެއް ބައްދަލުވުމެވެ.