އާސަންދައަކީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސް ފަރުވާގެ ޚިދުމަތް ހިލޭ ހަމަޖައްސައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ހަމަޖައްސާފައި އޮންނަ އިންޝުއަރެންސް ސްކީމެކެވެ.

އެ ސްކީމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ، އަހަރަކަށް ވުރެ އަހަރަކަށް އަންނަނީ އުފުލެމުންނެވެ. އަހަރަށް ކަނޑައަޅާ ބަޖެޓު އަހަރުގެ މެދު ތެރެއިން ހުސްވިކަމުގައި ވިޔަސް ރައްޔިތުންނަށް ދޭން ޖެހޭ ސިއްހީ ޚިދުމަތަކަށް ވާތީ އެ ޚަރަދުތައް ކުރަންޖެހެ އެވެ. ފެށުނީއްސުރެ މިއަދާ ހަމަޔަށް ޖެއްސުނުގޮތަކަށް ސަރުކާރުން އައީ އާސަންދައިގެ ޚަރަދުތައް ހަމަޖައްސަމުންނެވެ. އެކަމަކު އެއީ މިހާރު ކުރިޔަށްދާ ގޮތަށް ކުރިޔަށް ގެންގޮސްގެން ދެކޮޅުޖެހިދާނެ ކަމައްތޯ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ސުވާލުކުރަން ފަށައިފަ އެވެ. އެ ސުވާލާއެކު އާސަންދަ ހިންގުމަށް ރައްޔިތުންގެ އަތުން އިތުރު ފައިސާ ނުވަތަ "ކޯޕޭމެންޓެއް" ނެގުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިހާރު ވަނީ ފާޑެއްގެ ބަހުސެއް ފެންމަތިވެފަ އެވެ.

ހުސް ނުވާ އާސަންދަ: ހުސްވުމެއް ނެތް އިސްރާފު

އާސަންދައަކީ ވަކި މިންވަރަކަށް ހިފެހެއްޓުމެއް ނެތި، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެއިން ބޭސްފަރުވާއަށް ޚަރަދު ކުރެވޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެއީ ހުސްނުވާ އާސަންދައިގެ ނަމުގަ އެވެ. އޭގެ ކުރިން އޮންނަނީ ކޮންމެ ދިވެހި ރައްޔިތަކަށް 100،000ރ. ގެ މިންވަރަށް ބޭހަށް ޚަރަދު ކުރެވޭ ގޮތަށެވެ.

އާސަނަދް ފެށިގެން އައީ ވެސް ބޮޑެތި އިސްރާފުތަކަކަށް ދޮރު ހުޅުވަމުންނެވެ. ރާއްޖޭގައި އެކަށީގެންވާ ބޭސް ފަރުވާކުރެވޭނެ މަގުފަހިވެފައި ނެތުމުގެ ސަބަބުން ރައްޔިތުން އެންމެ ގިނައިން ބޭސްފަރުވާއަށް ގޮސް އުޅޭ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ސްރީލަންކާ އިން އާސަންދައިގެ ދަށުން ބޭސް ފަރުވާގެ ޚިދުމަތް ލިބޭނޭ ގޮތް ސަރުކާރުން ފަހި ކޮށްދިނެވެ. އެއާއެކު ކެރެލާއާއި ޗެންނާއީ ފަދަ ދިވެހިން ގިނައިންދާ ހިސާބުތަކުގެ ހޮސްޕިޓަލުތަކުން އާސަންދައިގެ ޚިދުމަތް ދޭން އަވަސްވެގަތެވެ. އެކަމަށްޓަކައި އެ ހޮސްޕިޓަލްތަކުގައި ވަކި ޑެސްކެއް ގާއިމުކޮށް ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ހޯދުމަށް ފަސޭހަކޮށްދެމުން ގެންދިޔަ އެވެ. ވީހާ ވެސް ފަސޭހައިން އާސަންދައިގެ ޚިދުމަތް ދިވެހިންނަށް ލިބޭނޭ ގޮތް އިންޑިއާގެ ހޮސްޕިޓަލްތަކުން ހެދުމުގެ މައިގަނޑު ބޭނުމަކީ އާސަންދަ މެދުވެރިކޮށް ދިވެހިން ކުރާ ޚަރަދުގެ ވީހާ ވެސް ބޮޑު މިންވަރެއް އެ ހޮސްޕިޓަލްތަކަށް ހޯދުމެވެ.

އާސަންދަ ހިދުމަތްދޭ ތަނެއްގައި ބަޔަކު މަޑުކޮށްލައިގެން. އިސްރާފު ބޮޑު އިންޝޫރަންސް ނިޒާމެއް

މި ހިސާބުން އިންޑިޔާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތްދޭ ގޮތުގެ ކުޑަކުޑަ އަމިއްލަ ތަޖުރިބާއެއް ފާހަގަ ކޮށްލާނަމެވެ. ބަލި މީހަކަށް ލޮލުގެ ކުޑަ އޮޕަރޭޝަނެއް ކުރަންޖެހުނެވެ. އެއީ މާލެއިން ވެސް ވަރަށް ފަސޭހައިން ކުރެވޭ އޮޕަރޭޝަނެވެ. އެކަމަކު ބަލި މީހާގެ ކޮންޑިޝަން ހުރި ގޮތުން ޑޮކްޓަރަށް ފެނިވަޑައިގެންނެވީ ކޮމްޕްލިކޭޝަން ކުޑަކުރުމަށްޓަކައި އިންޑިއާ އިން އެ އޮޕަރޭޝަން ކުރުމަށެވެ.

އެހެން ކަމުން އެއީ ރާއްޖެއިން ލިބެންނެތް ޚިދުމަތެއް ކަމުގައި ނިންމައި އާސަންދަ ހޯދަން ބޭނުންވާ ސިޓީދިނެވެ. ބަލި މީހާ އާއި އެހީ ތެރިޔަކާއެކު ގޮސް ޓްރިވެންޑްރަމްގެ ލޮލުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް ދެއްކުމުން އެޑްމިޓްކުރުމުގެ ކަންތައް ހަމަޖެއްސިއެވެ. އެއް ދުވަހު ހޮސްޕިޓަލުގައި މަޑުކުރުމަށް ފަހު އޮޕަރޭޝަނަށް ވައްދައި ބަރާބަރު 15 މިނިޓުން އޮޕަރޭޝަންކުރުމަށް ފަހު ބައި ގަޑި ވެސް ނުވަނީސް ގެއަށް ފޮނުވައިލައިފި އެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ 15 ވަރަކަށް މިނިޓުގެ ކުޑަ ކުޑަ އޮޕަރޭޝަނެއް ކުރަން އެއްދުވަހު ހޮސްޕިޓަކުގައި އެޑްމިޓްކުރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގަ ޖަވާބު ވަރަށް ފަސޭހަ އެވެ. އެޑްމިޓް ނުކުރާ ކަމަށް ވަންޏާ އާސަންދައިގެ ދަށުން ބޭސް ނުކުރެވެ އެވެ. އެހެންކަމުން ކުރަން ނުޖެހުނަސް ހޮސްޕިޓަލަށް ދައްކައިފި ނަމަ އެޑްމިޓު ކުރަނީ އެވެ. ބަލި މީހާގެ އަތުން ފައިސާ ނުގޮސް ހަމަނުޖެހުނީ އެވެ. ހޮސްޕިޓަލަށް ވެސް އެއްދުވަހަށް އެޑްމިޓްކުރުމުގެ ފީ ލިބުމުގެ އިތުރުން ބަލި މީހުން ގޮވައިގެން އެ ހޮސްޕިޓަލަށް ގިނަ ދިވެހިން ދާނެ އިތުރު ސަބަބެއް މެދުވެރި ވެސް ކުރުވީ އެވެ. ބޭކާރު ވެގެން ދިޔަ ޚަރަދު ދަނީ ކޮންތަނަކުން ތޯ އާއި ކިހިނެއްތޯ ބަލާލަން ބޭނުންވާ އެކަކު ވެސް ނެތެވެ.

އާސަންދަ: މުއްސަނދިންނާއި ފަގީރުންގެ ތަފާތެއް ނެތް

އާސަންދައަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި އެ ގައުމުތަކުގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށް ދިނުމަށް ހަމަޖައްސާފައި ހުންނަ ސްކީމްތަކާ އެއްފަދަ ސްކީމެއް ކަމަށް ބެލެވުނު ކަމަށް ވިޔަސް، ކުރި އަރާފައިވާ ގިނަ ގައުމުތަކާ ޚިލާފަށް ރާއްޖޭގައި އެ ސްކީމް މުއްސަނދީންނާއި ފަގީރުންގެ އެއްވެސް ތަފާތެއް ނުކުރެ އެވެ.

އޭޑީކޭ ހޮސްޕިޓަލް ދޮރުމަތީގައި މީހަކު މަޑުކޮށްލައިގެން. ފޮޓޯ | ހުރިހާ

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސި ވިލާތަކީ ރައްޔިތުންނަށް ހިލޭ ބޭސްކޮށް ދިނުމުގައި ނަމޫނާ އެއްކަމުގައި ބަލަމުން އައި ގައުމެކެވެ. އެހެނަސް އެ ގައުމުގައި ވެސް ޑޮކްޓަރަށް ދެއްކުމާއި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކުރާ ބޭހަށް އަގު ނުނެގި ކަމުގައި ވިޔަސް އައުޓް ޕޭޝަންޓު ބޭސް ސިޓީތަކަށް އާންމުން ފައިސާ ދައްކަން ޖެހެ އެވެ. ބޭސް ހިލޭ ލިބެނީ ވަކި ފަންތިއެއްގެ މީހުންނަށެވެ. އެއީ ވަކި ބާވަތެއްގެ ބެނިފިޓް ލިބޭ މީހުންނާއި ކުޑަ ކުދިންނެވެ.

އޮސްޓްރޭލިއާގައި ވެސް މިކަން އޮންނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. އެހެނަސް ރާއްޖޭގައި އެންމެ މުއްސަނދި މަހުޖަނަށް ވެސް އޮންނަނީ ބޭސް ސިޓީއަށް ވެސް ހިލޭ ބޭސް ލިބޭ ގޮތަށެވެ.

ނަގަންވީ އިތުރު ފައިސާ އެއް ނޫން، ހަދަންވީ ރަނގަޅު ޕޮލިސީ

އާސަންދަ އަކީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތެއް ދިނުމަށް ޓަކައި ސަރުކާރުން ހިންގާ ހެލްތު އިންޝުއަރެންސް ސްކީމެކެވެ. އެ ސްކީމަށް ޚަރަދު ކުރަނީ ރައްޔިތުންގެ ފައިސާ އެވެ. ކޮންމެ އަހަރަކު ބަޖެޓު ކުރެވޭ ފައިސާ، އަހަރު ނިމުމުގެ ކުރިން ހުސްވާ ހުސްވުމަށް ރައްޔިތުންގެ އަތުން އިތުރު ފައިސާ އެ ސްކީމަށް ނެގި ކަމުގައި ވިއަސް މައްސަލަ ހައްލެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ އާސަންދައިގެ ޚާރަދު ތައް ބޭކާރު ގޮތުގައި ހޭދަ ވާ ހޭދަވުން ހުއްޓުވޭނެ ރަނގަޅު ސިޔާސަތުތަކެއް ގާއިމުކުރުމެވެ.