މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި މިއަދު ގުރުއަތު ނަގައި، ކެންޑިޑޭޓު ނަންބަރުތައް ތަރުތީބުކޮށްފި އެވެ.

މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރަން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ބޭއްވި ރަސްމިއްޔާތުގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މޭޔަރުކަމުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ ކަމަށްވާ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރު ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް މިއަދު ވަނީ ތަރުތީބު ކޮށްފަ އެވެ.

މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު:- ކެންޑިޑޭޓް ނަމްބަރު 1: ޝުއައިބު އަލީ (އަމިއްލަ ގޮތުން)

- ކެންޑިޑޭޓް ނަމްބަރު 2: ހުސައިން ވަހީދު (އަމިއްލަ ގޮތުން)

- ކެންޑިޑޭޓް ނަމްބަރު 3: އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)

- ކެންޑިޑޭޓް ނަމްބަރު 4: އާދަމް އާޒިމް (އެމްޑީޕީ)

- ކެންޑިޑޭޓް ނަމްބަރު 5: ސައިފް ފާތިހު (ޑިމޮކްރެޓްސް)

މާލޭގެ މޭޔަރާއި ހުސްވެފައިވާ ތިން ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 13 ގައެވެ.

މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އަދި ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމުންނެވެ.