އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕާޓީ ޓިކެޓުގައި އަންނަ އަހަރު ބާއްވާ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު އެޕާޓީން ދޭނީ އެކަމަށް ގާބިލްކަން ހުރި އަދި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ މީހުންނަށް ކަމަށް ޖޭޕީން ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ އިއުލާންގައި އިތުރަށް ބުނެފައިވަނީ އެޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ހުށަހަޅާ ފޯމުތަކާއި ކަމާ ގުޅޭ ލިޔުންތައް ޖޭޕީގެ ކައުންސިލުން ކަނޑައަޅައި ކޮމިޓީއަކުން ބަލައި ވަޒަންކުރާނެ ކަމަށެވެ. ޖޭޕީގެ ޓިކެޓް ކަށަވަރު ވާނީ އޭގެފަހުން ކަމަށް ވެސް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ޖޭޕީން އެމްޑީޕީ އާއި ޕީއެންސީއާ ކުރިން މަޝްވަރާ ކުރި ނަމަވެސް އެ ޕާޓީން ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް ބުނެފަ އެވެ.