ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު ދީފައިވާ ލުއިތަކުގެ އިތުރުން އެހެން ލުއިތަކެއް ދިނުމަށް އެދުނު ނަމަވެސް އެ ލުއިތައް ދެވެން ނެތް ކަމަށް ކަރެކްޝަންސް ސާވިސްއިން ބުނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ލުއިތަކެއް ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ނަމަވެސް ހުށަހަޅާފައިވާ ކަންކަމަކީ ގާނޫނީ ގޮތުން ކޮށްދެވޭނެ ކަންކަމަށް ނުވާތީ އެ ލުއިތައް ދެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށެވެ.

ލުއި ނުދޭން ނިންމި ކަމަށް ކަރެކްޝަނުން ބުނި ނަމަވެސް, އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ސާވިސް އިން ހާމައެއް ނުކުރެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށް ފަހު އެވެ.

ޔާމީނަށް ދިން ލުއިތަކާ އެކު އެމަނިކުފާނު ވަނީ ޕާޓީ އޮފީހަށް ވަޑައިގެން ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަވެސް ދައްކަވައިފަ އެވެ. ނަމަވެސް އެއީ ކަރެކްޝަނާ އެކު އެމަނިކުފާނު ހަދާފައިވާ އިގުރާރާ ހިލާފު ކަމަކަށްވާތީ ކަރެކްޝަނުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އަންގާ އިންޒާރުވެސް ދީފަ އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށްވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވައިފަ އެވެ.