އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި މާމިގިލި ދާއިރާއަށް އަލުން ކުރިމަތިލައްވާނެ ކަމަށް މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އެކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ރައީސް މުއިއްޒާއެކު ބޭއްވި ބައްދަލުކުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ އަންނަ އަހަރު ބާއްވާ އިންތިހާބުގައި އޭނާ ވާދަކުރައްވާނީ މާމިގިލި ދާއިރާ އަށް ކަމަށެވެ.

ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީގެ ލީޑަރ ގާސިމް ވަނީ މަޖިލީހުގައި މެދުނުކެނޑި ތިން ދައުރެއްގައި މާމިގިލީ ދާއިރާ ތަމްސީލް ކުރައްވާފަ އެވެ.

މިދިޔަ ފެބްރުއަރީގެ ނިޔަލަށް ޖޭޕީގައި 22،000 އަށް ވުރެ ގިނަ މެމްބަރުން ރަޖިސްޓްރީކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގާސިމް އެންމެ ފުރަތަމަ ފެނިގެންދިޔައީ 1990 ގައެވެ. 28 މެއި 2009 އިން ފެށިގެން މެދުނުކެނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ޝަރަފް ހާސިލުކުރައްވާފައިވާ ގާސިމް ވަނީ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލާ ފާސްކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ވެސް ގާސިމު ވަނީ ކުރައްވާފަ އެވެ.