އަޖޭ ދޭވްގަންއަކީ ބޮލީވުޑް އެކްޓަރުންގެ ތެރެއިން ހުރިހާ ވައްތަރެއްގެ ފިލްމެއްވެެސް ކުޅުމުގައި މަޝްހޫރު ފަންނާނެކެވެ. އެގޮތުން ލޯބީގެ ފިލްމުތަކުގެ އިތުރުން އަޖޭ ވަނީ ކޮމެޑީ އަދި އެކްޝަން ފިލްމްތަކުން ވެސް ފެނިގެން ގޮސްފަ އެވެ.

ދާދި ފަހުން ކަރަން ޖޯހަރުގެ ޓޯކް ޝޯ ކޮފީ ވިތު ކަރަންގައި އަޖޭ ވަނީ އޭނާގެ އެކްޓިން ކެރިއަރާ ބެހޭ ގޮތުން ކުރިން ހިއްސާ ކޮށްފައިނުވާ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

އެގޮތުން އަޖޭ ވަނީ އެ ދާއިރާގައި އޭނާ އެންމެ ހާސިލްކުރަން ބޭނުންވަނީ ކޮން ކަމެއްކަން ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ. އަޖޭ ބުނީ އޭނާ ބޭނުންވަނީ ޝާހްރުކް ޚާންގެ ވިޔަފާރި ޚިޔާލުތަކާއި ސަލްމާން ޚާންގެ ހުސްހަށިބައި ދިރިއުޅުމުގެ އިތުރުން އަކްޝޭގެ މަސައްކަތުގެ ވައްޓަފާޅި ކަމަށެވެ.

މީގެ އިތުރުން މަޝްހޫރު އެކްޓަރުންގެ ތަރިން ބޮލީވުޑްގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން އަޖޭ ބުނީ ފިލްމީ އާއިލާއަކަށް ނިސްބަތްވާތީ އެ ތަރިންނަށް ވަކި ފަސޭހަ ނޫން ކަމަށާއި ހުރިހާ ތަރިންނަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

އަޖޭ ޝޯއަށް އައިސްފައިވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީއާއެކުގަ އެވެ. އަޖޭއާއި ރޯހިތުވަނީ އެކި ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ގޯލްމާލްގެ އިތުރުން ސިންގަމް ހިމެނެ އެވެ.