ބޮލީވުޑްގެ އެކި ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެކްޓްރެސް ޖެކޮލީން ފެރްނާންޑޭޒްއަށް މުމްބާއީގައި ހަރަކާތްތެރިވާ ގޭންގު ލީޑަރެއް ކަމަށްވާ ސުރޭޝް ޗަންދްރާޝޭކަރު އިންޒާރުގެ ސިޓީއެއް ފޮނުވައިފި އެވެ.

މިފަހުން ސުރޭޝްއާ ދެކޮޅަށް ހިނގި މަކަރާއި ހީލަތުގެ ކޯޓު މައްސަލައެއްގައި ޖެކޮލީންގެ ނަން ފެންމަތިވިއިރު އެ މައްސަލައިގައި ސުރޭޝްއަށް ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެހެން ނަމަވެސް މިހާރު ޖަލުގެ ހުކުމް ތަންފީޒު ކުރަމުން އަންނަ ސުރޭޝް ޖަލުގައި ހުރެގެން ވެސް ޖެކޮލީންއަށް ލޯބީގެ ސިޓީއާއި އެހެނިހެން ސިޓީތައް ފޮނުވާކަމުގެ ހަބަރުތައް ލިބިފައިވެ އެވެ.

މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވައިދޭން ޖެކޮލީން އެދުމުން އެންމެފަހުން އޭނާއަށް ސުރޭޝް ވަނީ އިންޒާރުގެ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި މުޅި ދުނިޔެއަށް ޖެކޮލީން ބޭޒާރު ކުރަން ޖެހިދާނެ ކަމަށާއި މިހާތަނަށް ވެސް އެކަން ނުކޮށް ހުރީ އޭނާއާ ދޭތެރޭ ވިސްނާތީ ކަމަށް ސުރޭޝް ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން އިންޑިއާގެ ފުލުހުންނާއި ޖަލުތަކުގެ އިދާރާއިން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.