އައްޑޫގައި ރައްޓެހިންތަކަކާ އެކު އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު 18 އަހަރުގެ މުހަންމަދު ނައީޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ދަށުން ޑައިވްކޮއްގެން 600 އަކަ މީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. އަދި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑުމަގުން 300 ސްކޮޔާ ނޯޓިކަލް މޭލު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ނާއިޝް ގެއްލުނީ ސ. ގަމުގެ ފުއްޓަރު ފަރާތަށް ތިން ރައްޓެހިންނާ އެކު މޫދަށް ގޮސްގެން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފްއަށް އެރޭ ރިޕޯޓް ކުރީ އެ ވަގުތު މޫދުގައި ހުރި ނައީޝްގެ އެކުވެރިއެއް ފަތާފައި ގޮސް 22:10 ހާއިރު އެވެ.
ނައީޝް ހޯދުމުގެ މަސައްކަތް ވައިގެމަގުން ވެސް ކުރިއަށް ގެންދިޔުމަށް، ދިވެހި ސިފައިން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ.
މީގެ އިތުރުން ނައީޝް ހޯދުމުގައި، އައްޑޫ ސިޓީގެ މަރަދޫގެ ތިން މަސްބޯޓެއް ދަނީ ބޭނުންކުރަމުންނެވެ.
އައްޑޫ ސިޓީއަށް މޫސުން ގޯސް ނަމަވެސް ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ދަނީ ކުރިއަށެވެ.