ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ރައީސް ޔާމީނަށް ދީފައިވާ ލުއިތައް ކަރެކްޝަންސް އިން ރިވިއުކުރަނީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ޖަލްސާއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.

މީގެ ކުރިންވެސް ޕާޓީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުންނާއި ޕާޓީއާ ގުޅިވަޑައިގަންނަވާ ފޯމުގައި ސޮއިކުރައްވަން އޮފީހަށް ވަޑައިގަތުމުން އެ މައްސަލަތައް ބަލައި ރައީސް ޔާމީނަށް ކަރެކްޝަންސްއިން ވަނީ އިންޒާރު ދީފަ އެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން މިފަހުންވަނީ ލުއިތަކަކަށް އެދިފަ އެވެ. އެހެން ނަމަވެސް ގާނޫނީ ފުށު އެރުންތަކެއް ހުރުމުން އިތުރު ލުއިތަކެއް ދެވެން ނެތްކަން ކަރެކްޝަނުން ވަނީ އަންގާފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ކަރެކްޝަންސްގައި އެދުނީ ޖުމްލަ ދެ ކަމަކަށެވެ. އެއްކަމަކީ، ރައީސް ޔާމީންގެ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިއަކު އައިސް ކުރާ ސުވާލުތަކަށް ޖަވާބުދިނުން ނުވަތަ ބަސްދީގަތުމެއް ދިނުމުގެ ހުއްދައަށެވެ. ޖަލުން ދޫކޮށްލެއްވުމަށްފަހު ރައީސް ޔާމީނާއެކު ވެފައިވާ އިގުރާރުގައި، ޓީވީ ސްޓޭޝަންތަކަށް ގޮސް ޕްރޮގްރާމުތަކުގައި ބައިވެރިވުން މަނާކޮށްފައިވެ އެވެ.

ދެވަނަ ކަމަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތީ، އެމަނިކުފާނާއި ބައްދަލުކުރަން އެދޭ މީހުންނާއި އަމިއްލަ ގެއިން ބައްދަލު ކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ނުވާތީ ބައްދަލުކުރަން އެދޭ މީހުންނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އޮފީހުގައި ބައްދަލު ކުރުމުގެ ހުއްދައަށެވެ.

ނަމަވެސް އެ ލުއިތައް ނުދޭން ކަރެކްޝަންސް އިން މީގެ ކުރިން ވަނީ ނިންމާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށް ފަހު އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށްވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވައިފަ އެވެ.