އާންމުކޮށް ގޭތެރެއިގައި ގެންގުޅޭ އަދި ބޭނުންކުރާ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ބަދަލު ހަމަ އެކަނި ގިނައިން ދޮވެވެނީ އަންނައުނު ފަދަ ތަކެއްޗެވެ. ނަމަވެސް ބާލީސް، މޮޕް، ސޮފްޓް ޓޯއީސް، ފައިފުހި ފަދަ ތަކެއްޗަކީވެސް ހަމަ ފަސޭހަ ކަމާއެކު މެޝިނުންވެސް ދޮވެލެވިދާނެ ތަކެއްޗެވެ.

އާއްމުކޮށް އެންމެންވެސް ބާލީހު އުރަ އަަދި ބެޑްޝީޓް ފަދަ ތަކެތި ދޮވެ ސާފުކުރެ އެވެ. ނަމަވެސް ބާލީސް ދޮންނަން ހިތަށް އަރަނީ މަދު ބަޔެކެވެ. އެއްބައި މީހުން ބާލީސް އަވީގައި ޖައްސާލަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުންނަމަ ކޮންމެ ތިންމަހުން އެއް ފަހަރު ބާލީސްތައް ދޮންނަން ޖެހެ އެވެ. ސަބަބަކީ ބާލީހުގައި ގިނަ އަދަދެއް ޖަރާސީމު އަދި ފަންގަސް އަށަގަންނާތީ އެވެ. މީގެ އިތުރުން ހިރަފުހާއި މަރުވެފައިވާ ހަން އަދި ހަށިގަނޑުގައި އުފެދޭ ތެލާއި ބޮލުގައި ހުރިހާ އެއްޗެށް ހަރުލާފައި ހުންނަ އެއްޗަކަށް ބާލިސްވެ އެވެ.

އަހަރެމެން އާންމުކޮށް ބޭނުން ކުރަން ގެންގުޅޭ މޮޕަކީ ދަޑިއާއި ފިހިގަނޑުބައި ވަކި ކޮށްލެވޭ އެއްޗެކެވެ. އެހެން ކަމުން ދެބައި ވަކިކޮށްލުމަށްފަހު މޮޕް ވެސް މެޝިނުން ފައްސޭހަ ކަމާއި އެކު ދޮވެލެވޭނެ އެވެ. ނަމަވެސް ގިނަ މީހުން މޮޕް ހަޑިވުމުން އެއްލާލުމަށްފަހު އާ މޮޕެއް ހޯދަނީ އެވެ. މެޝިނުން މޮޕްވެސް ސާފުކޮށްލުމަށްފަހު ކޮންމެ ފަހަރަކުވެސް ބޭނުން ކުރުން މުހިއްމެވެ.

ކޮޓަން އިން ހަދާފައި ހުންނަ ސޮފްޓް ޓޯއީސް ފަދަ ކުޅޭ ތަކެއްޗަކީ ކުޑަކުދިވެސް އެންމެ ގިނައިން އަތްހާކާ އަދި އެކި ތަންތަނަށް އުކާ ހަދާ އެއްޗެކެވެ. އެހެން ކަމުން މި އެއްޗެސަކީ ދަރިފުޅުގެ ސިއްހަތަށް ވިސްނައި ވަރަށް ސާފުތާހިރުކޮށް ގެންގުޅެން ޖެހޭ ތަކެއްޗެވެ.

ފައިފުއްސަކީ ކޮންމެ ތަނެއްގައި އުޅެފައިވެސް ގެއަށްއައިސް ވަނުމަށްފަހު އެންމެ ފުރަތަމަ ތިމާގެ ފައި ހާކާލެވޭނެ އެއްޗެވެ. މަދުވެގެން ހަފްތާ އަކު އެއް ފަހަރު ފައި ފުހި ދޮވެ ސާފު ކުރުމަކީ ޖަރާސީމުން ސަލާމަތްވުމަށް ވަރަށް މުހިއްމު އާދަ އެކެވެ.

މިއިން ކޮންމެ އެއްޗަކީވެސް އަންނައުނު ދޮންނަ ފަދައިން މެޝިނުން ފަސޭހަ ކަމާއި އެކު ދޮވެލެވިދާނެ ތަކެޗެވެ. މި ފަދަ ކުދި ކުދި ބަދަލު ތަކަކީވެސް ސިއްހަތަށް ފައިދާ ހުރި ކަންކަމެވެ.