މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އޮރެންޖް އިންޒާރު ނެރެފައިވަނީ 15:15 އިން ފެށިގެން 17:30 އަށެވެ. އޮރެންޖު އިންޒާރު ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ނުވަތަ ފެންބޮޑުވާނެ ކަމަށް ލަފާކުރެވުމުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

އެގޮތުން އޮރެންޖު އިންޒާރު ނެރުމަށް ނިންމަނީ ގަޑި އިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހުމުން ނުވަތަ ވެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. އޮރެންޖް އިންޒާރަކީ ދެވަނައަށް އެންމެ ނުރައްކާ އިންޒާރެވެ.

އޮރެންޖު އެލާޓް ނެރެފައި ވާއިރު، ރެއިން ފެށިގެން ބޯކޮށް ވެހެމުންދާ ވާރޭގައި މާލެ އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

ކ. ގުރައިދޫގައި ފެންބޮޑުވެ 20 ގެ އަކަށް ފެންވަދެފައި ވާއިރު ހަތް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.