މި ސަރުކާރުން އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދެން ބޭނުންވާ ނަމަ އެމަނިކުފާނު ހައްގުގައި ކުޑަމިނުން ވަކާލާތު ކުރައްވާނެ ކަމަށް ދަރިކަލުން ޒެއިން ޔާމީން ވިދާޅުވެއްޖެ އެވެ.

ޒެއިން އެގޮތަށް ވިދާޅުވީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ހައިކޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ޒެއިން ވިދާޅުވީ ރައީސް މުއިއްޒާއި މިސަރުކާރުގެ އިސްވެރިންގެ އިހުލާސްތެރިކަމެއް، އަދި ޔާމީނާ މެދު އެއްވެސް އިހުސާންތެރިކަމެއް އޮތްނަމަ، އެމަނިކުފާނުގެ ހައްގުގައި ކުޑަމިނުން ވަކާލާތު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައަކީ ހުކުމާ ހިސާބަށް އައިސްފައިވާ މައްސަލައަކަށްވާއިރު މިމައްސަލާގެ އަޑު އެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ޒެއިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ދިފާއުގައި މީގެ ކުރިން މަސައްކަތް ކުރި ބޭފުޅުންނަށް އާރާއި ބާރު ލިބުމުން ރައީސް ޔާމީން ދިފާއުގައި ބަހެއްވެސް ބުނަށް މިހާރު ނުކެރޭ ކަމަށްވެސް ޒެއިން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް، އިހުސާންތެރިކަމެއް ރައީސް މުއިއްޒުގެ ކިބައިން، ޚުދު ޕާޓީގެ ދެން އިސްވެރިންގެ ގޮތުގައި އެ ތިއްބަވާ ބޭފުޅުންގެ ކިބައިން، ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުންގެ ކިބައިން ޔާމީނާ ދޭތެރޭގައި، އަޅުގަނޑުމެންނާ ދޭތެރޭގައި އޮތްނަމަ، އެކަމަށް ވަކާލާތު ކުރައްވާ އެކަމަށް ގޮވާލެއްވޭނެ، އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ޒެއިން ވިދާޅުވި އެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވީ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފަހުން 7 ޖެނުއަރީއާ ހަމައަށް 1 މަހާއި 19 ދުވަސް ވެފައިވާކަމަށެވެ. މައްސަލައިގެ އަޑުއެހުމެއް ނުބާއްވާ ދިގު ދެމިގެން ދިއުމަކީ އެ ޓީމުގެ ކަންބޮޑުވުމެއްކަމަށް މަލީހު ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށްވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވައިފަ އެވެ.