ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރަންވީރު ސިންހްއަށް އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އިންޑިއާ "އޮޅިއްޖެ" އެވެ.

މިހާރު ސޯޝަލް މީޑިއާގައި ރާއްޖެއާ ދެކޮޅަށް ހިންގަމުން އަންނަ ކެމްޕެއިންއަށް ހިތްވަރުދީ ރަންވީރު ކުރި އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ 2024 ވަނަ އަހަރަކީ އިންޑިއާގެ ރަށްތަކާއި ސަގާފަތްތައް އާލާ ކުރަންވީ އަހަރެއް ކަމަށެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު ފާހަގަކުރި ކަމަކީ އެ ޕޯސްޓާއެކު ރަންވީރު ހިއްސާކުރި ފޮޓޯއަކީ އިންޑިއާގެ ފޮޓޯއެއް ނޫން ކަމެވެ. އެއީ ދިވެހިރާއްޖޭގެ ފޮޓޯއެއް ކަމެވެ.

ރަންވީރުގެ އެ ޕޯސްޓަށް ހަޖޫ ޖަހައި ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން އަންނައިރު އަމިއްލަ ގައުމު ވަކި ކުރަން ނޭނގޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރާއްޖޭގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ކުރެއްވި ޓްވީޓްތަކަކާ ގުޅިގެން ދިވެހި ރާއްޖެއާ ދެކޮޅަށް އެންޓި ކެމްޕެއިންއެއް މުޅި އިންޑިއާގައި މިހާރު އަންނަނީ ހިންގަމުންނެވެ.

އެ ކެމްޕެއިނަށް ހިތްވަރުދިން މަޝްހޫރު ޝަހުސިއްޔަތުންގެ ތެރޭގައި އަކްޝޭ ކުމާރު، ސަލްމާން ޚާން އަދި ޕޫނަމް ޕާންޑޭ ފަދަ ނަންތައް ހިމެނެ އެވެ.