ދިވެހި ސަރުކާރުން ރާއްޖޭގައި ކުރަން ރާވާފައި ހުރި ބޮޑެތި މަޝްރޫއުތައް ހިންގައި ދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ކުންފުނިތަކުގެ ވެރިންނަށް މިއަދު އާދޭސް ކުރައްވައިފި އެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސްގައި ބޭއްވި ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވުމަށް ފަހު، އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ ގޮތުން ބަލާ ނަމަ، ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު 1972 ވަނަ އަހަރުން ފެށިގެން ގުޅުން ބާއްވަމުން އަންނަ އިރު، ޗައިނާއަކީ ރާއްޖޭގެ ގާތް ރަހްމަތްތެރިއެއްގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މުހިންމު ބައިވެރިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބެލްޓު އެންޑް ރޯޑު ތަސައްވަރުގެ ދަށުން ރާއްޖޭގެ ތާރީހު ދުށް އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މީގެކުރިން ރާއްޖޭގައި ހިންގާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާގެ 300 އަށް ވުރެ ގިނަ އިންވެސްޓަރުންނާއި 30 އަށް ވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވި ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްގެ އޮނިގަނޑުގެ ދަށުން މި މަޝްރޫއުތައް ހިންގަން ޕާޓްނަޝިޕްތަކެއް ގާއިމުކުރަން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފުށިދިއްގަރު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއު އާއި ދާދި ފަހުން އިއުލާން ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދަން ޗައިނާގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

"ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 10-15 އަހަރަށް ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، ޓޫރިޒަމް ފުޅާކޮށް، އެހެނިހެން ދާއިރާތައް ކުރިއެރުވުމުގެ މައްޗަށް. އެކަންކަން ކުރާނީ އަޅުގަނޑުމެން ތިމާވެއްޓަށް ރައްކާތެރިކަން ލިބޭނެ ފަދަ ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަށް މަސް ދުވަސް ތެރޭގައި 1،000 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރަނީ "އިކޯ ފްރެންޑްލީ" ސިޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި އަމާޒަކީ އެ ސިޓީގައި އިންފްރާސްޓްރަކްޗާ ގާއިމުކޮށް 325،000 މީހުން އާބާދު ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.