މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި އެހެނިހެން ބައި އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ފެށީ މިއަދު ހެނދުނު 8:00 ގަ އެވެ. އެކަމަކު، މި ބައި އިލެކްޝަންގައި މިހާތަނަށް އައިއިރު ވޯޓުލީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށެވެ.

އީސީން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާ އިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައި ވަނީ 2،633 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ %4.70 އެވެ. ވޯޓުލާފައި ވަނީ 1،007 އާއި 1،626 މީހުންނެވެ.

މިހާތަނަށް އައިއިރު، ވޯޓު ނުލާ ތިބީ 53،369 މީހުންނެވެ.

މި އިންތިހާބުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 28،621 ފިރިހެނުންނާއި 27،381 އަންހެނުންނެވެ.

މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.