މާލެ ސިޓީ އަށް މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ (އެންޑީއެމްއޭ)އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ގޭތަކުގެ ހާލު ބެލުމަށް ކަމަށް ބުނެ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮފިޝަލުންނާއި ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ އޮފިޝަލުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ކެމްޕޭން ހަރަކާތެއް ކަމަށް ވެސް އެފަރާތުން ވަނީ ތުހުމަތުކޮށްފަ އެވެ.

ސަރުކާރުގެ އޮފިޝަލުން މިއަދު ގޭގެއަށް ޒިޔާރަތްކޮށް ތަފާތު ކަންކަން ކޮށްދޭން ވައުދުވެ ފައިސާ ބެހުމަށް ހިންގާ ހަރަކާތެއް ކަމަށް ތުހުމަތުކުރެ އެވެ.

އެހެންކަމުން މިކަން ހިންގުމުގެކުރިން މިކަން ސަމާލުކަމަށް ގެނައުމަށާއި، މިކަން ފެށިއްޖެނަމަ ހުއްޓުވުމަށާއި، މި މައްސަލަ ބަލައިދިނުމަށް ވަނީ އެދިފަ އެވެ.

އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާއިރު، ސޯޝަލް ސެންޓަރުގައި ސިޔާސީ ޕާޓީއަކުން ކޯލްސެންޓަރު ހިންގާ ކަމަށް ބުނެ ރަސްމީކޮށް އީސީ އަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ތަނަކީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކެއް ހިނގާ ތަނެއްކަން އެނގިފައިވާ ކަމަށާއި، އެ ތަނުގައި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއް ހިންގަމުން ނުދާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި ބަހައްޓާފައިވާ މާފަންނު މީހުން ވޯޓުލުމަށް ހާއްސަ ފަސް ފޮށި ބަހައްޓާފައި ހުރީ އެ ސެންޓަރުގެ އެންމެ ތިރީ ހޯލުގަ އެވެ. ކެމްޕޭން އޮފީހެއް ހިންގި ކަމަށް ބުނާ އޮފީސް ހުރީ އެ ސެންޓަރުގެ ފުރަތަމަ ފަންގިފިލާގަ އެވެ.

އެ އޮފީހުގެ ބޭރުގައި ޖަހާފައިވާ ނަމުން އެނގޭ ގޮތުން އެއީ 'ނެޝަނަލް ޔޫތު ވޮލެންޓިއާ ޕްރޮގްރާމް' ހިންގާ ތަނެކެވެ.

މާލެއަށް މޭޔަރަކު ހޮވުމާއި ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގަ އެވެ. އިންތިހާބުގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން ޝުއައިބު ޢަލީ އެވެ. މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްްޤު ލިބިފައިވަނީ ޖުމުލަ 56،002 މީހުންނަށެވެ.